ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުންގެ ހިޔާލު ހުރީ "ދެ އޯބިޓެއް"ގައި ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ގުޅީފަޅު މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވި ނަމަވެސް އެ މަޝްރޫއު މުހިއްމު ކަމަށް މަޖިލީހުގެ ކޮމެޓީގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއްގައިވެސް އޮތީ އޮޅުވާލުން ކަމަށެވެ. އަދި ރައީސްއާ ވަޒީރުންގެ ހިޔާލު ހުރީ "ދެ އޯބިޓެއް"ގައި ކަމަށާއި ސަރުކާރުގެ އެއްވެސް އަމާޒެއް ނެތް ކަމަށެވެ.
މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި އަސްލަމް ވަނީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވި ނަމަވެސް ގުޅީފަޅު ހިއްކަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ ޕޯޓު ބަދަލު ނުކޮށް ނޫނީ ދެން އިތުރަށް ރާއްޖޭގެ މުދާ އެތެރެކޮށް ބޭރު ކުރުމަށް އޮންނަ ދޮރާށި ތަރައްގީ ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ގުޅީފަޅު ހިއްކަމުން ގެންދަނީ އެކަން ސަރުކާރަށް ގަބޫލުކުރެވިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ގުޅީފަޅަށް ކޮމާޝަން ޕޯޓު ބަދަލު ކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ހިއްކަމުން އަންނައިރު ފަރުތަކަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަ ކުރުމަށް އާ ގޮތްތަކެއް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ގުޅީފަޅު ހިއްކުން ކުރިއަށް ދާއިރު ފަރު ރައްކާތެރި ކުރުމުގެ ގޮތުން އާ ގޮތްތަކެއް ރައްޔިތުންގެ މަޖިލީހުގެ އިތުރުން އީޕީއޭ އިން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށާއި އެ ހުށަހެޅުއްވުމަށް ސަރުކާރުން ގަބޫލު ކުރާނެ ކަމަށް ދެކެވާޑައިގަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ގުޅީފަޅު މަޝްރޫއު މުހިއްމު ނަމަވެސް އެކަމުގެ ސަބަބުން ފަރު ހަލާކުވާން ދޫކޮށްލެވެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.