ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް މިއަދު ބާތިލްކޮށްފިއެވެ.

1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހަސަަން ސައީދު ހޯދަން އިއުލާން ކުރުމުން ފުލުހަށް ހާޒިރުނުވި ކަމަށް ބުނެ، 2018 ވަނަ އަހަރު އޭނާގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް 4 މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި އެ ހުކުމް އޭރު އޭނާ ތަންފީޒުކޮށް ނިމި ވަނީ މިނިވަންވެސް ވެފައެވެ.

އޭނާ މިނިވަންވެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހައިކޯޓުގައި އޮންލައިންކޮށް ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.

މިއަދު ހަސަން ސައީދަށް ކުރި ހުކުމުގައި ވަނީ އޭނާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސައްހަ ނޫން ކަމަށް ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އެއްބަސްވެވޭތީ އެ ހުކުމް ބާތިލް ކުރާ ކަމަށެވެ.

ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާކަން ފުލުހުން ނެރުނު ނޫސް ބަޔާނަކުން އިއުލާން ކޮށްފަިއވާ ކަމަށް އެ ހުކުގައި ބުނެއެވެ. ނަމަވެސް ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިވާކަން އެނގެން ނެތް ކަމަށާއި ތަހުގީގަށް މީހުން ހާޒިރުވާން އަންގާ އާންމު އުސޫލުގެ ތެރެއިން އެފަދަ އެންގުމެއް އޭނާއަށް އެންގިކަން ވެސް އެނގެން ނެތް ކަމަށާއި އަދި އެންގުމެއް ނެތި އެ މައްސަލާގައި ހަސަންގެ މައްޗަށް ތަހުގީގު ހިންގައި، ދައުވާ އުފުލީ އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަން ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައި ބުުނެއެވެ.

ހަމައެއާއެކު ހަސަންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ކުރެވޭނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރިކަމާއި އެކަން އޭނާއަށް އެނގިފައިވާ ކަމާއި އެކަން އެނގިހުރެ ހާޒިރު ނުވި ކަމާއި އަދި ހާޒިރުނުވީ ހާޒިރުވުމުގެ ފުރުސަތު އޮވެކަން ދައުލަތުން ސާބިތުކޮށްދެވިގެންނެވެ. އެކަމަކު އެ ހުކުމުގައި ދައުލަތުން ހުށަހެޅި ހެކިތަކުން އެކަންކަން ސާބިތު ނުވާ ކަމަށް ވެއެވެ.

ހަސަންއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ހެކިބަސް ސިއްރުން ނެގިއިރު، އެ މީހުންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތެއް އެނގެން ނެތް ކަމަށް ވެސް އެ ހުކުމުގައި ވެއެވެ. އަދި ޖިިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ހެއްކާ ބެހޭ ގާނޫނުގައި އެފަދަ އެއްވެސް ވާހަކައެއް ބަޔާން ނުކުރާ ކަން ވެސް އެ ހުކުމުގައި ބުނެއެވެ.

މީގެ އިތުރުން ހަސަން ސައީދުގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހެޅުއްވި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމީ ވެސް އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކުރުމެއް ނެތިއެވެ. އަދި ދިފާއީ ހެކިންގެ ބަސް އަޑުއެހުމެއް ނެތި އެ މީހުން ހާޒިރު ނުކުރަން ނިންމީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ވެސް ހުކުމުގައި ބުނެއެވެ.

ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާއެއްގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ހަސަންގެ މައްޗަށް ދައުލަތުން ކުރިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ފަހުން ވަނީ އެ ދައުވާ ބާތިލްކޮށްފައެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ބަންދުގައި ހުންނަވަނިކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުން ވަނީ ވަކިކޮށްފައެވެ.