ރާއްޖޭގައި ތިބި ތައިލެންޑު މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 131 މީހަކު ތައިލޭންޑަށް ފުރައިފިއެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެ އިވެކުއޭޝަން ފްލައިޓުގައި ބަންގްލަދޭޝްގެ 265 މީހުން އެނބުރި ގައުމަށް ފުރުވާލާފައިވާ ކަމަށެވެ. ހަމައެއާއެކު މި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ 200 މީހުން ވަނީ އެނބުރި ރަށަށް ފޮނުވާލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަސް ވީ އިރު އެންމެ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ. ވޭތުވެވި ދުވަސްތަކުގައި ބަންގްލަދޭޝަށް ފުރުވާލި މީހުންގެ ހިސާބުތަކަށް ބަލާއިރު މި މަހުގައި ޖުމްލަ 665 މީހުން ވަނީ އެނބުރި ރަށަށް ފުރުވާލާފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުންދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.

މިހާތަނަށް އެގައުމުގެ 1500 އަށް ވުރެެ ގިނަ ބަންގްލަދޭޝް ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި 5،000 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.