ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އިތުރު 9887 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އަވަށްޓެރި އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފިއެވެ.

މިއާއެކު އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 236954 އަށް އަރާފައެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 6649 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުރިން ކުޅުނު ހަމްޒާ ކޯޔާވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މި ބަލީގައި މަރުވެފައި ކަމަށް ޚަބަރު ލިބެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، އިޓަލީވިލާތް ފަހަތަށް ޖައްސާލާފައެވެ. އެގޮތުން މިހާރު 6 ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އިންޑިއާއިން ކަން ފާހަގަކުރަންޖެހެއެވެ. އިންޑިއާއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 116232 ކޭހެވެ. މީގެ ތެރޭގައި ހާލު ސީރިއަސް/ކުރިޓިކަލް 8944 ޕޭޝަންޓުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން މިހާތަނަށް 4524317 ސާމްޕަލްއެއް ކޮވިޑް-19އަށް ވަނީ ޓެސްޓުކޮށްފައެވެ.