ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކުރިމަތިލާންޖެހުނު އެކި ހާލާތްތަކާ ގުޅިގެން އެނބުރި ގައުމަށް ދިޔަ އިންޑިއާ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު، ވީ އެންމެ އަވަހަކަށް އެނބުރި ރާއްޖެ އައިސް، ކުރިން އަދާކުރަމުން ދިޔަ މައްސޫލިއްޔަތުތަކާއި މަސައްކަތްތަކުގައި އުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ހައި ކޮމިޝަނަރު ސުދީރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވަނީ، ކޮވިޑް-19އާއި ގުޅިގެން އިންޑިއާގެ ކަނޑުގެ އަސްކަރީ ފްލީޓްގައި އެ ގައުމަށް ގެންދިޔަ އިންޑިއާ ރައްޔިތުންގެ އެންމެ ފަހު ގުރޫޕު ފުރުވާލުމަށް މާލޭސިޓީގެ ބަނދަރަށް ވަޑައިގެން ދެއްވި ވީޑިއޯ މެސެޖްއެއްގައެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ ރަސްމީ ޓްވިޓާ އެކައުންޓްއުން އާންމުކޮށްފައިވާ މި މެސެޖުގައި ހައި ކޮމިޝަނަރު ސުދީރު ވިދާޅުވީ، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ފްލީޓްގައި އެކަނިވެސް 2000 އަށްވުރެ ގިނަ ރައްޔިތުން ގައުމަށް ގެންދެވިފައި ވާކަމަށްޓަކައި އުފާކުރައްވާ ކަމަށާ، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން އަމިއްލަ ފަސްގަނޑަށް ގެންދެވުނު މީހުންގެ ޖުމްލަ އަދަދު މިހާރު 2500 އަށް އަރާފައި ވާކަމަށެވެ.

ރޭގެ ވަގުތެއްގައި އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރު އައިއެންއެސް ޖަލާޝްވާގައި 700 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް މާލޭސިޓީގެ ބަނދަރުން ފުރާފައި ވާއިރު، މިއީ ކަނޑުމަގުން އިންޑިއާއަށް އިވަކުއޭޓްކުރާ ފަހު ގުރޫޕެވެ. ނަމަވެސް ހައި ކޮމިޝަނަރު ސުދީރު ވަނީ، ވައިގެ މަގުން އެއާ އިންޑިއާގެ ފްލައިޓްތަކާ، ޗާޓަރު ފްލައިޓްތައް މެދުވެރިކޮށް އިތުރު ބަޔަކު އިވެކުއޭޓް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

މީގެ އިތުރުން، މި އޮޕަރޭޝަން ކާމިޔާބު ކުރުމަށްޓަކައި ދިވެހި ސަރުކާރާ މުއައްސަސާތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، ހައި ކޮމިޝަނަރު ސުދީރު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.