އެމްއެންޑީއެފްގެ ވެހިކަލްތައް ފުލުހުން ހުއްޓުވާ ޗެކްކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިރޭ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި ފެންމަތި ކުރި މި މައްސަލައިގައި ބައެއް މެންބަރުން ވިދާޅުވެފައި ވަނީ، އެފަދަ ކަމެއް ހިނގާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައި ވާ ކަމަށެވެ.

އަދި މިރޭގެ ކޮމިޓީއަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ކޮށްފައި ވުމާއެކު އޭނާއާ އެ ސުވާލު ކުރިމަތި ކުރެއްވުމުން، އޭނާ ވިދާޅުވީ އެފަދަ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުއްވުމުން ބައްލަވާނެ ކަމަށެވެ.

މިރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި، އެމްއެންޑީއެފްގެ ވެހިކަލްތައް ފުލުހުން ޗެކްކުރާ ވާހަކަ ފާހަގަ ކުރެއްވީ ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު ފަލާހެވެ. އޭނާ އެވާހަކަ ފާހަގަ ކުރެއްވުމުން އެހެން ބައެއް މެންބަރުންވެސް ވަނީ އެފަދަ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަން ބެލުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން އިސްތިސްނާ ކޮށްފައިވާ އުޅަނދުތަކެއް ފުލުހުން ހުއްޓުވައި، ޗެކް ކުރަމުންދާ ކަމުގެ ޝަކުވާ އޮތަތީ، އެކަންކަން ބަލަން ޖެހޭ ކަމަށެވެ.

މެންބަރުންގެ ސުވާލުތަކާ ގުޅިގެން ނަހުލާ ވަނީ، އެކަންކަން ސާފުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން އެމްއެންޑީއެފް ވެހިކަލްތައް ޗެކްކޮށް ހެދުމުގެ ބާރު ފުލުހުންނަކަށް ނުލިބެއެވެ.