ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށްތޯއާ މެދު އުފެދޭ ސުވާލަށް ބާ ކައުންސިލުން ދެކޭ ގޮތެއް ހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާ ކައުންސިލަށް ސިޓީއެއް ފޮނުވައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސޮއިކުރައްވައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެރޭގެ މަޖިލިސް ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާކޮށް އިދިކޮޅު 9 މެންބަރުން މަޖިލީހަށް ނުވައްދާ ކަމަށެވެ. މީގެއިތުރުން އެރޭގެ ޖަލްސާ ކުރިޔަށް ގޮސްފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ އިޖުރާއަތްތަކާއި ވެސް މުޅިން ހިލާފަށް ކަމަށް އެ ސިޓީގައި އަދުރޭ ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމާއި ގުޅޭ ގޮތުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކުރިޔަށް ގެންގޮސްފައިވާ ހުރިހާ މަރުހަލާއެއްވެސް ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ހުދުމުހުތާރުކޮށް ރައްޔިތުންގެ އެއްވެސް ހިޔާލެއް ވެސް ހޯދުމަކާއި ނުލާ ކަމަށް ސިޓީގައި އަދުރޭ ވިދާޅުވިއެވެ.

https://business.facebook.com/thepressmv/videos/765866203952259/

އެ ސިޓީގައި ރައްޔިތުންގެ މަޖިލީހުން ހޯދި ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދި ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކޮށްފައިވަނީ އެ ލަފާގެ ރޫހާއިވެސް ހިލާފަށް ކަމަށް ވިދާޅުވެފައިވެއެވެ. ތަކުރާރުކޮށް އެ ސިޓީގައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާއާ އަދި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ހުރިހާ މަރުހަލާ އެއްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވެފައެވެ.

އަދުރޭ އެ ސިޓީގައި ވިދާޅުވެފައި ވަނީ ނައިފަރު ދާއިރާގެ މެންބަރަށް އަނިޔާވެގެން އެވަގުތު މަޖިލީހުގައި ތިއްބެވި އިދިކޮޅުގެ މެންބަރުން މަޖިލީހުގެ މާލަމުން ބޭރަށް ނިކުމެވަޑައިގެން ޝިޔާމްގެ ހާލު ބެއްލެވުމަށްފަހު އެނބުރި މަޖިލީހުގެ މާލަމަށް ވަޑައިގަތުމަށް މަޖިލީހުގެ ރައީސް "ސީދާ" ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އަދި އެރޭ މަޖިލިސް ތަޅުމުގައި ނެގިގެން ދިޔަ ވޯޓުން އިދިކޮޅު މެންބަރުން އެއްކިބާ ކުރުމުގެ ގޮތުން މަޖިލިސް ރައީސް ވަދެވަޑައިގަންނަވާ ދޮރުކޮޅު ނޫން އެހެން ހުރިހާ ދޮރެއް ތަޅުލި ކަމަށްވެސް ސިޓީގައި ވިދާޅުވެފައެވެ.

ގާނޫނީ ކަންކަމުގައި ހިޔާލު ތަފާތުވެއްޖެ ނަމަ އެކަމުގައި ބާ ކައުންސިލަށް ފެންނަ ހިޔާލެއް ފާޅު ކުރެވިދާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ސިޓީގައި އެދުވަހުގެ މަޖިލިސް ޖަލްސާއާ ގުޅިގެން ބާ ކައުންސިލުން ދެކޭ ގޮތް ހިއްސާ ކޮށްދިނުމަށް ވެސް ސިޓީގައި އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުން މަޖިލީހުގެ އެ ރޭގެ ޖަލްސާގައި ކަން ހިނގިގޮތާއި ގުޅިގެން ބާ ކައުންސިލްގެ ރައުޔެއް ނުވަތަ ހިޔާލެއް ހޯދުމަށް ހުށަހަޅާފައިވާއިރު އެރޭގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.