2022 ވަނަ އަހަރު އޮންނަ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ފުޓުބޯޅަ މުބާރާތް (ވޯލްޑްކަޕް) އަށް ހާއްސަކޮށްގެން ގަތަރުން ތަރައްގީ ކުރަމުންދިޔަ 3 ވަނަ ސްޓޭޑިއަމްގެ މައްސަކަތްތައް ނިންމާލައިފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ރަށްބޭރުގައި އަޅާފައިވާ 'ދި އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް' އަކީ 40000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. މި ސްޓޭޑިއަމް ހުންނަނީ ގަތަރުގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތައް ހިމެނޭ ސަރަހައްދުގެ މެދަށްވާ ގޮތަށެވެ.

އިންތިޒާމް ކޮމިޓީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސްޓޭޑިއަމް ނިމުނުކަން ރަސްމީކޮށް އިއުލާންކުރުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އޮންނަ ލައިވް ޕްރޮގްރާމްއެއްގައި ކަމަށެވެ.

މި ޕްރޮގްރާމްއަކީ މިއަދު ދުނިޔެ ތަޖުރިބާ ކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހިދުމަތްކުރަމުންދާ މަސައްކަތްތެރިންގެ އަގުވަޒަންކޮށްދިނުމުގެ ގޮތުން ބާއްވާ ޕްރޮގްރާމްއެއް ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ކޮވިޑް-19އަށްފަހު ދުނިޔޭގައި ކުޅިވަރުގެ މުސްތަގުބަލު އޮންނާނެ ކަމަށް ލަފާކުރާ ގޮތާ، ނަފްސާނީ ދުޅަހެޔިކަމާ، ފޭނުންގެ ތަޖުރިބާތައް ބަދަލުވެގެންދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މި ޝޯގައި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ ކުޅިވަރު މުބާރާތްތަކުގެ ކަލަންޑަރަށްވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތް ހޮސްޓްކުރުމުގެ ޝަރަފު ލިބިފައިވާ ގަތަރުން ދަނީ، 2022 ވަނަ އަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 8 ސްޓޭޑިއަމްއެއްގެ މަސައްކަތް ކުރަމުންނެވެ. ގަތަރުން ބުނީ މުބާރާތުގެ 2 އަހަރު ކުރިން 80 ޕަސެންޓް މަސައްކަތްތައް ނިމިފައިވާކަމަށެވެ.

ގަތަރުން މިހާރު ވަނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކުރި ހަރުކަށި ބައެއް އަމުރުތަކަށް ލުއި ދޭން ފަށާފައެވެ.

ފީފާ ވޯލްޑްކަޕް ކުރިއަށް ގެންދިއުމަށް ޝެޑިއުލްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.