ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައްޔިތުން މަޖިލީހުގައި ހިނގާދިޔަ ކަންކަމުގެ ތެރެއަށް ވަންނަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެކަންކަމުގެ ތެރެއަށް ވަންނަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ ކުރީގެ ޖެންޑާ މިނިސްޓަރު ހަސަން ލަތީފަށް ބަހުގެ ހަމަލާއެއް ދެއްވައިިފިއެވެ.

ޝިދާތާ އެހެން ވިދާޅުވީ، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިމްރާނަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި ރައްޔިތުން މަޖިލީހުގެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާއިރު، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅާ މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހުރެގެން ނުވާނެ ކަމަށެވެ.

ހަސަން ލަތީފަށް ރައްދު ދެއްވާ ޝިދާތާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއަށް މަޖިލިސް ތެރެއިން ގޮނޑިއެއް ނުލިބުނު ނަމަވެސް އަދި އެޕާޓީއަކީ ކިތަންމެ ކުޑަ ޕާޓީއެއް ނަމަވެސް ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ ފަހަރަކު ވޯޓުކޮޅު ހަމަ ކޮށްދެނީ އެޕާޓީން ކަމަށެވެ. ނަމަވެސް މިއަދު އެކަން ބޮޑެތި ޕާޓީތަކުން ހަނދާން ނެތިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ މަޖިލިސް ތެރޭގައި ހިނގާ ކަންކަމުގެ ތެރެއަށް އިމްރާން ވަންނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެކަންކަމުގެ ތެރެއަށް އެމަނިކުފާނު ވަންނަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި މިނިސްޓަރު އިމްރާން ކުރައްވަނީ އެމަނިކުފާނަށް ހަވާލު ކުރެވިފައިވާ ގާނޫނީ ޒިންމާ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

ހަސަން ލަތީފަށް ފާޑު ވިދާޅުވެ ޝިދާތާ ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ވެސް ކުރަންވާނީ އަދި "ބިޔަ ބޮޑު" ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރަންވާނީ އެކަންކަން ދަންނަ މީހުން ކަމަށެވެ.

ޝިދާތާ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހުއެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ މަޖިލިސް މެންބަރުން އޭނާ މަގާމުން ވަކި ކުރައްވާނެ ކަމަށް އިންޒާރު ދެއްވާފައި ވަނިކޮށެވެ. މީގެއިތުރުން ކުޑަކުދިންނަށް ޖިންސާ ގޯނާކުރާ މައްސަލަ ރާއްޖޭގައި އިތުރުވެ އެކަމުގައި ޖެންޑާ މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ބުނެ ގިނަބަޔަކު ޝިދާތާ އަށް ވަނީ ފާޑު ކިޔާފައެވެ.