ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަދުގެ ހާލަތަށް ބަލާއިރު، އެންމެ ގިނައިން ކޭސް ރިޕޯޓްކުރި 10 ގައުމުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ 3 ގައުމެއް ހިމެނިއްޖެއެވެ.
ރޭ މެންދަމު 00:00 ފެށިގެން މިއަދު ހަވީރު 05:00ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައިވަނީ ޕާކިސްތާންއިންނެވެ. މި މުހުލަތުގައި ޕާކިސްތާންއިން 3985 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު އެ ގައުމުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 89249 އަށް އަރާފައެވެ. މިއަދު ޕާކިސްތާނުން މި ބަލީގައި 68 މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައިވާއިރު ކޮވިޑް-19 ޖެހިގެން ޕާކިސްތާންއިން މަރުވި މީހުންގެ ޖުމުލަ އަދަދަކީ 1838 އެވެ.
ޕާކިސްތާނުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ 56213 ކޭހެވެ. މީގެ ތެރެއިން 111 މީހެއްގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ. ޕާކިސްތާނުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެގެން އުޅެނީ ސަރުކާރުން ޓެސްޓުކުރާ މިންވަރު އިތުރުވުމުންކަމަށް ބުނެއެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން މިއަދު ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްއިންނެވެ. ރޭ މެންދަމު 00:00 ފެށިގެން މިއަދު ހަވީރު 05:00ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝްއިން 2828 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ބަންގްލަދޭޝްގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 60391 އަށް އަރާފައެވެ. މިއަދު އެ ގައުމުން 30 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ކޮވިޑް-19ގައި ބަންގްލަދޭޝްއިން މަރުވި މީހުންގެ ޖުމުލަ އަދަދު 811 އަށް އަރައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 46776 ކޭހެއް ރެކޯޑްކޮށްފައިވާއިރު ސީރިއަސް/ކުރިޓިކަލް ކަމަށް ފާހަގަކޮށްފައިވަނީ 1 ޕޭޝަންޓްއެވެ.
ބަންގްލަދޭޝްގެ ފަހަތުން ދެކުނު އޭޝިއާ ސަރަހައްދުން ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑްކުރީ އަފްގާނިސްތާނުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރޭ މެންދަމު 00:00 ފެށިގެން މިއަދު ހަވީރު 05:00ގެ ނިޔަލަށް އަފްގާނިސްތާނުން 915 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު އަފްގާނިސްތާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18969 އަށް އަރާފައިވާއިރު، މި ބަލީގައި މިއަދު އެގައުމުން މަރުވި 9 މީހުންނާއެކު ކޮވިޑް-19 ޖެހިގެން އަފްގާނިސްތާނުން މަރުވި މީހުންގެ ޖުމުލަ އަދަދު 309 އަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަފްގާނިސްތާނުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 16898 ކޭހެވެ. އަދި 19 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ.
މިއަދު ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ ޕާކިސްތާނު، ބަންގްލަދޭޝް އަދި އަފްގާނިސްތާނުން ކަމުގައި ވީ ނަމަވެސް، މިހާތަނަށް ލިބިފައިވާ ހުރިހާ މައުލޫމާތަކަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން މި ސަރަހައްދުގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ކަމަށް ދައްކަނީ އިންޑިއާގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 7ވަނަ އަށް އެންމެ ގިނަ ރިޕޯޓްކޮށްފައިވަނީ އިންޑިއާއިންނެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު ރޭ މެންދަމު 00:00 ފެށިގެން މިއަދު ހަވީރު 05:00ގެ ނިޔަލަށް 560 މީހަކު ޕޮޒިޓިވްވި ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު އިންޑިއާއިން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 227273 އަށް ވަނީ އަރާފައެވެ. މި ބަލީގައި މިއަދު އިންޑިއާއިން 4 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑްކޮށްފައިވާއިރު، ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު 6367 އަށް ވަނީ އަރާފައެވެ.
އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 111444 ކޭހެކެވެ. މީގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުރިޓިކަލް/ސީރިއަސް ޕޭޝަންޓުން 2 ވަނައަށް އެންމެ ގިނަ ގައުމަކީވެސް އަވަށްޓެރި އިންޑިއާކަން ފާހަގަކުރަންޖެހެއެވެ.