ރައްޔިތުން މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުގެންގުޅުއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެދިވަޑައިގެންފިއެވެ.
ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި ރައްޔިތުން މަޖިލީހުގެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާއިރު، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅާ މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހުރެގެން ނުވާނެ ކަމަށެވެ.
ހަސަން ލަތީފު މިފަދައިން ވިދާޅުވެފައި މިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލިސް ތަޅުމުން ނިކުމެވަޑައިގަތުމުން މަޖިލީހުގެ ރިޔާސަތުން އެންގެވުމާއެކު ހިނގާދިޔަ ހަމަނުޖެހުންތައް ފުލުހުން ބަލާނެ ކަމަށާއި އަދި އެކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ރޭ ވިދާޅުވެފައި ވަނިކޮށެވެ.
"ޕީއެސްއެމް" ނިއުސްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުން ފުލުހުންނާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިންސާފުވެރިކަމާ އެކުގައި ބަލާ އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށާއި އެއީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާންގެ އިތުރުން ފުލުހުން ވެސް ވަނީ އެ މައްސަލަ ފުލުހުން ބަލަމުން ދާ ކަމަށް ބުނެފައެވެ.