އެންޓިމެލޭރިއަލް ޑްރަގްއެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު) ބޭނުންކޮށްގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުން މަރުގެ ނުރައްކާ ބޮޑުވާކަމަށް ބާރުދިން ނުފޫޒު ގަދަ ދިރާސާ ރިޕޯޓްއެއް އަނބުރާ ގެންގޮސްފިއެވެ.

އެޗްސީކިއުއަކީ ކޮވިޑް-19ގެ ފަރުވާކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެޗްސީކިއު ބޭނުން ކުރުމުން މަރުގެ ނުރައްކާ ބޮޑުވާކަމަށް ބުނެ ދަ ލޭންސެޓްގައި ޝާއިއުކުރި ދިރާސާ އަނބުރާ ގެންގޮސްފައިވަނީ، އޭގައިވާ މައުލޫމާތުތަކާ ގުޅޭ ކަންބޮޑުވުންތަކަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި ތަހުލީލުކުރަމުންދާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޔޫއެސްއޭ ޓުޑޭ

މި ދިރާސާ އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި 3 މުސައްނިފުން ވިދާޅުވީ ދިރާސާ އަނބުރާ ގެންދަން ޖެހުނީ އޭގައިވާ ތަފާސް ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ފުރުސަތު، ސާޖިސްފިއާއިން ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ. ސާޖިސްފިއާއަކީ މި ދިރާސާއަށް ބޭނުންކުރި ތަފާސް ހިސާބުތައް ފޯރުކޮށްދިން ފާމްއެކެވެ. މި ތަފާސް ހިސާބުތަކުގެ މިނިވަން މުރާޖައާއެކު ކުރުމަށް ސާޖިސްފިއާއިން ހުރަސްއަޅާފައިވާކަމަށް މުސައްނިފުން ބުނެއެވެ.

ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ފަރުވާއަކަށް އެޗްސީކިއު ފުދޭތޯ ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކުރިއަށް ގެންދިޔަ ދިރާސާ މެދުކަނޑާލާފައިވަނީވެސް އަނބުރާ ގެންގޮސްފައިވާ ދިރާސާއަށް ރިއާޔަތްކޮށްކަން ފާހަގަކުރަންޖެހެއެވެ.

ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި ތަހުލީލުކުރަމުންދާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ނިއުއިންޑިއަންއެކްސްޕްރެސް

ސާޖިސްފިއާގެ ޗީފް އެގްޒެކެޓިވް އަދި ދިރާސާގެ 4 ވަނަ މުސައްނިފު ސަޕާން ދިސާއީ ވިދާޅުވީ، ތަފާސް ހިސާބުތައް މުރަޖައާ ކުރުމަށް މިނިވަން އޮޑިޓް ފާމަކަށް ފުރުސަތު ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށާ، ނަމަވެސް އެނޫން ގޮތަކަށް ތަފާސް ހިސާބުތަކާ މައުލޫމާތު ފޯރުކޮށްދިނުމަކީ ކްލަޔަންޓުންނާއެކު ވެފައިވާ ސިއްރު ހިފެހެއްޓުމުގެ އިގުރާރާ ފުށޫއަރާނެ ކަމަކަށް ކަމަށެވެ.

ނަމަވެސް ދިރާސާގެ އަނެއް 3 މުއްސަނިފުން ވިދާޅުވަނީ 3 ވަނަ ފަރާތެއް ބައިވެރިކޮށްގެން ތަފާސް ހިސާބުތައް މުރާޖައާ ކުރުމަށްވެސް ސާޖިސްފިއާއިން އިންކާރުކުރަމުންދާކަމަށެވެ. އަދި ދިމާވި ހުރިހާ ކަމަކަށް މައާފަށް އެދޭ ކަމަށެވެ.

އެޗްސީކިއުއަކީ މެލޭރިއާއާއި، ލޫޕަސް އަދި އާތްރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ރައްކާތެރި، ކާމިޔާބު ބޭހެކެވެ. ނަމަވެސް ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް މި ބޭސް ބޭނުން ކުރާކަށް އަދި އެއްވެސް ދިރާސާއަކުން ބާރުދީފައިވާތީ ނުފެނެއެވެ.