ތަރައްގީގެ އެޖެންޑާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވައިފިއެވެ.

ތަރައްގީގެ އެޖެންޑާއާ ބެހޭގޮތުން ދެ ރައީސުން މިއަދު މަޝްވަރާ ކުރައްވާފައި ވަނީ މުލީއާގޭގައެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަރައްގީގެ އެޖެންޑާގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކޮން ދާއިރާތަކަކަށްތޯ ރައީސް ނަޝީދާ އެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީނު މުލީއާގެ ދޮރުމަތީގައި މަޑުކޮށްލައްވައިގެން

ރައީސް ސޯލިހް ވިދާޅުވީ، މުހިންމު ކަންތައްތައް ހާސިލު ކުރުމުގައި މަޖިލީހަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްޓަކައި ދެ ބޭފުޅުން މަސައްކަތް ކުރައްވާނީ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވާފައި ވާއިރު، ރައީސް ނަޝީދު ވަނީ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ސަބަބުން އެތައް ރައްޔިތުންނެއް މާލޭގައި ތާށިވެ، އުޅޭ ދަތިހާލުގެ ސަބަބުން އެމީހުންނަށް ރަށްރަށަށް ދެވޭނެ ގޮތް ނުވާތީ ދާދިފަހުން ވެސް ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ދުވަސްވީ ގާތް ދެ ރަހްމަތްތެރިންނެވެ.