އެއް ގައުމުން އަނެއް ގައުމުގެ އަސްކަރީ ބޭސްތަކަށް އެކްސަސް ދޫކުރުމަށް އޮސްޓްރޭލިއާއާ އެކު އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ހާމަކޮށްފިއެވެ.

މި އެއްބަސްވުމަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އަސްކަރީ ހަރަކާތްތަކާ ތަމްރީނުތައް އިތުރުކުރުމަށް ބާރުދެނިވި އެއްބަސްވުމެކެވެ.

އެއް ގައުމުން އަނެއް ގައުމުގެ އަސްކަރީ ބޭސްތަކަށް އެކްސަސް ދޫކުރުމަށް އޮސްޓްރޭލިއާއާއިއެކު އިންޑިއާއިން ލޮޖިސްޓިކްސް ސަޕޯޓް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާއި ދެމެދު ކުރިއަށްދިޔަ ވާޗުއަލް ސަމިޓްއެއްގައެވެ.

މި އެއްބަސްވުމަކީ އަސްކަރީ މަނަވަރުތަކާ ވައިގެ އަސްކަރީ ފްލީޓަށް އެ ގައުމުގެތަކުގެ ފެސިލިޓީތަކުން ފަސޭހަ ކަމާއެކު ރީފިއުލް ކުރުމާ މެއިންޓަނަންސް މަސައްކަތްތައް ކުރުމަށް ފުރުސަތު ފަހިކުރާ އެއްބަސްވުމެއްވެސްމެއެވެ.

މިދަނޑިވަޅަކީ ޒަމާނުއްސުރެ 2 ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ، ބޯޑަރު ހަނގުރާމައަކަށް ގޮސް، ފާއިތުވީ އަހަރުތަކުގައި ނުދެކޭ ދަރަޖައަށް އަސްކަރީ ކުރިމަތިލުމެއްގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ. ހަމަ މިއާއެކު، އޮސްޓްރޭލިއާއާއި ޗައިނާއާއި ދެމެދުވެސް ވިޔަފާރީގެ ދެބަސްވުންތަކެއް އިންތިހާއަށް ވަނީ އުފެދިފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފެށުމާ، އެ ބަލިމަޑުކަން ފެތުރިގެން ދިޔަ ގޮތް، ބައިނަލްއަގުވާމީ ފެންވަރުގައި މުރާޖައާ ކުރުމަށް އޮސްޓްރޭލިއާއިން ގޮވާލި ގޮވާލުމަށް ޗައިނާއިން ދެކޮޅު ހެދިކަންވެސް ފާހަގަކުރަންޖެހެއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންޑިއާއިން ތަރައްގީ ކުރި މަގު/ފޮޓޯ: ޕްރެސް އިންފޮމޭޝަން ބިއުރޯ

މޯދީއާއި މޮރިސަންއަކީ މިއަހަރުގެ ޖަނަވަރީ މަހުވެސް ބައްދަލުކުރައްވަން ތާވަލުކުރައްވައިގެން ތިއްބެވި 2 ލީޑަރުން ކަމަށާ ނަމަވެސް އެ ފަހަރުގެ ބައްދަލުވުން ކުރިއަށް ގެންދެވިފައި ނުވަނީ އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑުގެ ކާރިސާގެ ސަބަބުން ކަމަށާ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި 2 ލީޑަރުން ބައްދަލުކުރެއްވި ކަމީ ދޭދޭ ގުޅުމަށް 2 ލީޑަރުންވެސް ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ކަމަށް އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.

ބައްދަލުވުމުގެ ކުރިން، އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު އަނޫރާގު ސްރިވާސްތަވާ ވިދާޅުވީ މި ވާޗުއަލް ސަމިޓްއަކީ ދޭދޭ ގައުމުގެ މެދުގައި މޯދީ ކުރިއަށް ގެންދަވާ މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށެވެ. ކަންމިހެން އޮތްއިރު އިންޑިއާ އަދި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އިންޑިއާ، އެމެރިކާ އަދި ޖަޕާނު ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި އޮސްޓްރޭލިއާ ބައިވެރިކުރުމުގެ ފިކުރެއް އިންޑިއާއިން ގެންގުޅެމުންދާކަމުގެ އިޝާރާތެއް އަސްކަރީ އޮފިޝަލުންވެސް ވަނީ ދެއްވާފައެވެ.

2007 ވަނަ އަހަރު ކުރިއަށް ގެންދިޔަ މިފަދަ ތަމްރީނަކާ ގުޅިގެން ޗައިނާއިންވަނީ ރުޅިވެރިކަންފާޅުކޮށްފައެވެ.