"ބައްޕަ މުޅި ދުނިޔެ ބަދަލުކޮށްލައިފި"!

އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރާގައި މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި ޖޯޖް ފްލޮއިޑްގެ، 6 އަހަރުގެ ދަރިފުޅު ޖިއާނާ، އޭނާގެ ބޮޑު ބޭބެ އަދި ކުރީގެ އެންބީއޭ ތަރި ސްޓީފްން ޖެކްސަން ކޮނޑުމަތީގައި ހިނިތުންވެލައިގެން އިނދެ ބުނަމުންދިޔައެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން ވިލާތާ އޭޝިއާގެ ގައުމުތަކާ މުޅި އެމެރިކާއިން މަގުތަކަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑުބޭބެއާއިއެކު ބައިވެރިވަމުން ޖިއާނާ ބުނެލި މި ބަސްކޮޅުގެ ވީޑިއޯ ކްލިޕް، ސޯޝަލް މީޑިއާގައި މިހާރު ދަނީ ވައިރަލް ވަމުންނެވެ. އެމެރިކާގެ މަދަނީ ހައްގުތަކަށް ވާކާލާތު ކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތްކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޑރ މާޓިން ލޫތާ ކިންގް ޖޫނިއާގެ އެންމެ ހަގު އަންހެން ދަރިފުޅު، ބާނީސް އޭ ކިންގްވެސް ވަނީ އޭނާގެ ޓްވިޓާ އެކައުންޓްގައި މި ވީޑިއޯ ހިއްސާކޮށްފައެވެ.

https://www.instagram.com/p/CA9K06mF88W/

ބާނީސް އޭ ކިންގްގެ އެކައުންޓްގައި މި ވީޑިއޯ ހިއްސާކުރުމާއެކު، ޖިއާނާގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އެއީ ކަމަށް އެތައް ބަޔަކު ބުނަން ފެށިއެވެ. ދަ ކިންގް ސެންޓާއިން އާންމުކުރި ބަޔާނެއްގައި ބާނީސް ވަނީ، ތަންފީޒީ ބާރުތަކުން އޭނާގެ ބައްޕަ މަރާލިއިރު އުމުރަކީ އެންމެ 5 އަހަރު ކަމަށާ، ޖިއާނާގެ ހިތުގައި އަޅާނެ ވޭން އެނގޭ ކަމަށެވެ. ދިރިއުޅުމަށް އައި ހުސްކަމާ ފަޅުކަން އިހުސާސްކުރެވޭ ކަމަށާ، ހިތުގައި އަނދަމުންދާނެ ނަފުރަތުގެ ގިނިވެސް އިހުސާސް ކުރެވޭ ކަމަށް ބާނީސްވަނީ ބުނެފައެވެ.

ޖިއާނާގެ މަންމަ ރޯޒީ ވޮޝިންގްޓަންވަނީ، ރަނގަޅު ބައްޕައެއްގެ ގޮތުގައި ޖޯޖް ފްލޮއިޑްގެ ނަން ދިރުވުމަށް ގޮވާލާފައެވެ. ރޯޒީ ބުނީ، ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދުށް ކަމުގައި ވީ ނަމަވެސް ފްލޮއިޑްއަކީ ރަނގަޅު ބައްޕައެއް ކަމަށެވެ.