ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހިގެން ވަޒީފާއިން ވަކިކުރި މައްސަލާގައި އިދާރީ އޮޅުމަކަށްވީ މައްސަލަ ހޫނުވުމުންތޯ އައްސަވައި މާވަށު ދާއިރަގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.
ސައީދު ވިދާޅުވެފައި ވަނީ އިދާރީ އޮޅުމަކަށް ވަނީ މައްސަލަ ހޫނުވުމުންތޯ އާއި ނޫންނަމަ ޑިމޮކްރަސީގެ ޗެމްޕިޔަނުން ކަމަށް ހެދި ތިބެ ހިންގާ ލާއިންސާނީ ކަންކަމުގެ ސަބަބުން، ރައްޔިތުންގެ ކުރިމަތީ ގެއްލޭ އިތުބާރު ފެނި އަތުންފައިން ގޯސް ހެދެނީތޯއެވެ.
އޭނާ އެހެން ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި ތަކުރުކޮށް ފާޑުކިޔައި އަބުރާ ބެހޭ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކަމުގެ ޗިޓު ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެންނެވެ.
އެމްޕީއެލްގެ ދަށުން ހިންގާ އެޗްޕީއެލްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އެޗްޕީއެލުން އިއްޔެ ފުރަތަމަ ފޮނުވި ސިޓީގައި ބުނީ، ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދައްކާތީ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ އެކަން ތަކުރާރުކުރާ ނަމަ ވަޒީފާ އިން ވަކިކުރާނެ ކަން ކުރިން ވެސް އެ މުވައްޒަފާ ހިއްސާ ކުރުމަށް ފަހު، އިސްލާހު ނުކުރުމުން ކަމަށެވެ.
ނަމަވެސް އެ މުވައްޒަފަށް ފުރަތަމަ ފޮނުވި ސިޓީގެ ބައެއް އިބާރާތްތައް ގޯސްކޮށް ހުރުމުން، އެޗްޕީއެލް އިން އެ ސިޓީ އަނބުރާ ގެންގޮސް ފަހުން އެހެން ސިޓީއެއް ފޮނުވިއެވެ. ވަޒީފާ އިން ވަކިކުރިކަން އަންގައި ފޮނުވި ފަހުގެ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދުގެ ވާހަކައެއް ނެތެވެ. ފަހުގެ ސިޓީގައިވާ ގޮތުން އެ މުވައްޒަފު ވަނީ އެޗްޕީއެލްގެ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ" އާ ހިލާފުވެފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ފޮނުވި އިންޒާރުގެ ލިޔުމުގައި، އެ މުވައްޒަފު ހިންގި ކަންކަން ތަކުރާރު ކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަން އަންގާފައި ވާތީ އެ ފިޔަވަޅު އެޅީ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
2014 ވަނަ އަހަރުން ފެށިގެން އެޗްޕީއެލްގެ އެސިސްޓެން އޮޕަރޭޝަން އޮފިސަރެއްގެ މަގާމު އަދާކުރިއެ މުވައްޒަފަށް، މިދިޔަ ޑިސެމްބަރު މަހުގެ 1 ގައި އިންޒާރުގެ ލިޔުމެއް ފޮނުވީ، ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔާތީ ކަމަށް ބުނެއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ވާއިރު، މިފަދަ މައްސަލައެއްގައި މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެއެވެ. މިއަދު މި ކޭސް ފެންމަތި ވި އިރު، ފެނަކަ ކޯޕަަރޭޝަނުން 4 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.