ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ވެސް އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް މިހާރުވެސް ދިމާވެފައިވާ ދަތިތަކާއި އަދި ފަހުންވެސް އެއްވެސް ކަމަކާ ގުޅިގެން ދައްޗެއް ދިމާވެއްޖެ ނަމަ އެކަމަށް ހައްލެއް ގެނެސް ދެއްވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮވިޑް19 ގެ މިހާލަތުގައި ވެސް ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދައްޗެއް އޮތް ކަމަށްވާ ނަމަ އެކަމަކީ މިނިސްޓްރީ އަށް އެހީތެރިވެވޭނެ ދާއިރާއެއް ނަމަ އެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ މާލެ ސަރަހައްދުގައި 11 ޓެކްސީ ސެންޓަރެއް އޮޕަރޭޓު ކުރާއިރު ޖުމްލަ 1476 ޓެކްސީ ޑްރައިވަރުން ހަރަކާތްތެރިވާ ކަމަށެވެ. އެހެންނަމަވެސް މިފަދަ ހާލަތެއް ކުރިމަތިވެފައިވާއިރު ވީހާވެސް މަދު ބަޔަކު ނެރެގެން މަސައްކަތް ކުރުމަށް ސިއްހީ އިދާރާތަކުން ވެސް އިރުޝާދު ދީފައިވާ ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ލޮކްޑައުން އަށް ލުއި ދިންއިރުވެސް ޓެކްސީ ސެންޓަރަކަށް 6 ނުވަތަ 8 ހުއްދަ ދީފައިވާނެ ކަމަށެވެ. ނަމަވެސް ފަހުން އިތުރު ފަރާތްތަކަކަށް ހުއްދަ ދިނުމުގެ ގޮތުން އެ އަދަދުވެސް އިތުރު ކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 110 ވަރަކަށް ޓެކްސީ މިހާރުވެސް ގްރޭޓާ މާލެ އޭރިއޭގައި ހިދުމަތް ދެމުން ގެންދާނެ. ދެން ޓެކްސީ ޑްރައިވަރުންނަށް އިން އިންޓެންސިވް އެއް ދިނުމަކީ ހަމައެކަނި އަޅުގަނޑުމެން މިނިސްޓްރީން ކުރެވޭނެ ކަމެއް ނޫން. އެހެންވީމަ އެއަށް ކޮންމެވެސް ކަހަލަ ގޮތްތަކެއް ހޯދުމުގެ މަޝްވަރާ ކުރުމުގެ މަސައްކަތްތައް އެބަ ކުރިޔަށް ދޭ،"
ޝިމާޒު

ކޮވިޑް19 ގެ މިހާލަތުގައި ފްރަންޓުލައިންގައި ޓްރާންސްޕޯޓު މިނިސްޓްރީން މަސައްކަތް ކުރާތަން ނުފެނުނު ނަމަވެސް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވާފައި ވަނީ ހުރިހާ މިނިސްޓްރީތަކެއް ނޫން ކަމަށާއި ފްރަންޓުލައިންގައި ހަރަކާތްތެރިވާ މިނިސްޓްރީތަކަކީ އެކަމަށް ރައީސް ސޯލިހު ނެރުއްވާފައިވާ މިނިސްޓްރީތައް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.