ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ދިން ހަމަަލާއާ ގުޅިގެން ނައިފަރުގައި މިއަދު ކުރިޔަށް ގެންދިޔަ އިހުތިޖާޖަކީ މަގުމަތީ ހަރަކާތްތަކުގެ ފެށުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޝިޔާމަށް ދިން ހަމަލައާ ގުޅިގެން މިއަދު ހަވީރު ނައިފަރުގައި ވަނީ ގިނަ އަދަދެއްގެ މީހުން ނިކުމެ އިހުތިޖާޖު ކޮށްފައެވެ. ނައިފަރުގައި އިހުތިޖާޖު ކުރީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެންނެވެ. އެގޮތުން އިހުތިޖާޖު ކުރި މީހުން އެކަކު އެނެކަކާ ކައިރި ނުވާނެ ގޮތަށް ގޮނޑިތައް ޖަހާފައި ވާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ މީހުން ތިބީ މާސްކުވެސް އަޅައިގެންނެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިހުތިޖާޖަކީ [ނައިފަރުގައި މިއަދު ކުރިޔަށްދިޔަ އިހުތިޖާޖު] މަގުމަތީ ހަރަކާތްތަކުގެ ފެށުން ކަމަށާއި އެކަން ފެށުނީ ނައިފަރުން ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކޮވިޑް19 ރާއްޖެއިން ފެނުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެއްވުންތައް މީގެ ކުރިން ބާއްވާފައެވެ. އަދި ރައީސް ޔާމީނު ޖަލަށް ލައިފައި ވާތީ، ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން، ކޮންމެ ރެއަކުވެސް ޕީޕީއެމްގެ އޮފީހުގައި ދިޔައީ ޖަލްސާތައް ވެސް ބާއްވަމުންނެވެ. އެ ކޯލިޝަނުން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާ ގޮތުންނާއި މެންބަރުންނަށް ތަފާތު ކުރަމުން ގެންދާ ކަމުގެ ވާހަކަތައް ވެސް އެޕާޓީގެ މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި ދައްކަމުންނެވެ. އެގޮތުން މަޖިލިސް ތެރޭގައި ދާދިފަހުން ހިނގާދިޔަ ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާކުރީ ރައީސް ނަޝީދުގެ އެންގެވުމަކަށް ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުވެސް ކުރަމުންނެވެ.