ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހިގެން ވަޒީފާއިން ވަކިކުރިނަމަ އެކަން ބައްލަވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި ތަކުރުކޮށް ފާޑުކިޔައި އަބުރާ ބެހޭ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކަމުގެ ޗިޓު ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެންނެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަމަގައިމުވެސް މިހާތަނަށް ރިޔާސީ އިންތިހާބުގައި ވެސް، އަދި މަޖިލިސް އިންތިހާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް "ހެސްކިޔާފައި" ވަޒީފާ ދީފައި ހުންނާނެ ކަމަށެވެ. އަދި އަބުރާ ބެހުން ކަހަލަ ކަމެއްގައި މީހަކު ވަޒީފާއިން ވަކިކޮށްފި ނަމަ، ޓްރައިބިޔުނަލުން ޒިންމާ އުފުލާގޮތް ޖުޑިޝަރީ ކޮމެޓީން ފާރަވެރި ވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޕީއެލްގެ ދަށުން ހިންގާ އެޗްޕީއެލްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އެޗްޕީއެލުން އިއްޔެ ފުރަތަމަ ފޮނުވި ސިޓީގައި ބުނީ، ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދައްކާތީ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ އެކަން ތަކުރާރުކުރާ ނަމަ ވަޒީފާ އިން ވަކިކުރާނެ ކަން ކުރިން ވެސް އެ މުވައްޒަފާ ހިއްސާ ކުރުމަށް ފަހު، އިސްލާހު ނުކުރުމުން ކަމަށެވެ.

ނަމަވެސް އެ މުވައްޒަފަށް ފުރަތަމަ ފޮނުވި ސިޓީގެ ބައެއް އިބާރާތްތައް ގޯސްކޮށް ހުރުމުން، އެޗްޕީއެލް އިން އެ ސިޓީ އަނބުރާ ގެންގޮސް ފަހުން އެހެން ސިޓީއެއް ފޮނުވިއެވެ. ވަޒީފާ އިން ވަކިކުރިކަން އަންގައި ފޮނުވި ފަހުގެ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދުގެ ވާހަކައެއް ނެތެވެ. ފަހުގެ ސިޓީގައިވާ ގޮތުން އެ މުވައްޒަފު ވަނީ އެޗްޕީއެލްގެ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ" އާ ހިލާފުވެފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ފޮނުވި އިންޒާރުގެ ލިޔުމުގައި، އެ މުވައްޒަފު ހިންގި ކަންކަން ތަކުރާރު ކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަން އަންގާފައި ވާތީ އެ ފިޔަވަޅު އެޅީ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

2014 ވަނަ އަހަރުން ފެށިގެން އެޗްޕީއެލްގެ އެސިސްޓެން އޮޕަރޭޝަން އޮފިސަރެއްގެ މަގާމު އަދާކުރިއެ މުވައްޒަފަށް، މިދިޔަ ޑިސެމްބަރު މަހުގެ 1 ގައި އިންޒާރުގެ ލިޔުމެއް ފޮނުވީ، ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔާތީ ކަމަށް ބުނެއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ވާއިރު، މިފަދަ މައްސަލައެއްގައި މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެއެވެ. މިއަދު މި ކޭސް ފެންމަތި ވި އިރު، ފެނަކަ ކޯޕަަރޭޝަނުން 4 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.