ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ދިން ހަމަަލާއާ ގުޅިގެން ނައިފަރުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.

ނައިފަރުގައި ހުންނަ ޕީޕީއެމްގެ ޖަގަހަ ކުރިމަތީގައި ކުރިޔަށް ގެންދިޔަ މި އިހުތިޖާޖު ފަށާފައި ވަނީ މިއަދު ހަވީރު 16:45 ހާއިރުއެވެ. ނައިފަރުގައި އިހުތިޖާޖު ކުރީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެންނެވެ. އެގޮތުން އިހުތިޖާޖު ކުރި މީހުން އެކަކު އެނެކަކާ ކައިރި ނުވާނެ ގޮތަށް ގޮނޑިތައް ޖަހާފައި ވާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ މީހުން ތިބީ މާސްކުވެސް އަޅައިގެންނެވެ.

ނައިފަރުގައި ކުރި އިހުތިޖާޖު

މިއީ ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން މިހާތަނަށް އިހުތިޖާޖެއް ބޭއްވި ފުރަތަމަ ފަހަރެވެ. އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔާފައިވާ ބޯޑުތައް ބޭނުން ކުރަމުންނެވެ.

މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ. އަދި ހަތަރު ހަފްތާ އަށް ބެޑު ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.

ނައިފަރުގައި ކުރި އިހުތިޖާޖު

އެރޭގެ ޖަލްސާގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވި އިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ގޮސް މަޖިލީހުން ބޭރަށް އޭނާ ވަނީ ނެރެފައެވެ.