މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭފުޅުން ހާޒިރު ކުރަން ނިންމައިފިއެވެ.

މިރޭ ބާއްވާ އެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި އެ މިނިސްޓްރީގެ ގެ ފަރާތުން އިތުރު ބޭފުޅުން ހާޒިރުވާނެއެވެ.

އެ ބައްދަލުވުމަކީ ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާމެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.

ކޮވިޑް-19ގެ މި ދުވަސްވަރު ހެލްތް މިނިސްޓާ ނޫން އިތުރު މިނިސްޓާއެއްގެ މަސައްކަތް ނުފެންނަ ކަމަށް ބުނެ އާންމުން ދަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެކަމާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ، ނަހުލާއަށް ހަވާލުކޮށްފައިވާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފައިވާކަމެވެ. ޖާބިރު ވަނީ މީގެކުރިންވެސް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ކުރައްވާފައެވެ.