ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނަ ޕެރޫއިން މި ބަލީގައި 20 ނޫސްވެރިއްގެ ފުރާނަ ގެއްލިފައިވާކަމަށް އެގައުމުގެ ނޭޝަނަލް ޖާނަލިސްޓްސް އެސޯސިއޭޝަން (އޭއެންޕީ)އިން ހާމަކޮށްފިއެވެ.
އަދި 50 އަށްވުރެ ގިނަ ނޫސްވެރިން މިހާރުވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އޭއެންޕީއިން ޚަބަރު ދެއެވެ.
އޭއެންޕީގެ ސެކްރެޓަރީ ޖެނެރަލް ޒޫލިއާނާ ލައިނޭޒް ވިދާޅުވީ ބަލީގެ ޝިކާރައަކަށްވި ގިނަ އަދަދެއްގެ ނޫސްވެރިންނަކީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންކަމަށާ، މި ދުނިޔޭގައި ހޭދަކުރި އެންމެ ފަހު ދުވަސްތަކާ ޖެހެންދެންވެސް މި ނޫސްވެރިންނަކީ އެ ސަރަހައްދުގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންތަކެއް ކަމަށެވެ.
ލައިނޭޒް ވިދާޅުވީ މަރުވި ނޫސްވެރިންގެ ތެރެއިން ބައެއް ނޫސްވެރިންނަކީ ވަކި އިދާރާއެއްގެ ބެލުމުގެ ދަށުގައި މަސައްކަތްކުރަމުންދިޔަ ނޫސްވެރިން ނޫންކަމަށާ، ނަތީޖާއެއްގެ ގޮތުން، ހަށި ރައްކަލަށް ބޭނުންކުރާ ޕީޕީއީ ފަދަ އަލާތްތައް ލިބުމުގައި އެ ނޫސްވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. ހޮސްޕިޓަލުތަކާ ބާޒާރުތަކަށް އެ ނޫސްވެރިން ޒިޔާރަތްކޮށް އުޅުނީ ގޭގައި އަމިއްލައަށް ތައްޔާރުކޮށްފައިވާ މާސްކުތަކެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭއެންޕީއިންވަނީ ފްރީލާންސް އުސޫލުން މަސައްކަތްކުރަމުންދާ ނޫސްވެރިންނަށްވެސް ޕީޕީއީ ފޯރުކޮށްދިނުމަށް ޕެރޫގެ ސަރުކާރަށް ގޮވާލާފައެވެ.
ވެރިރަށް ލީމާގައި އޮޕަރޭޓްކުރާ މީޑިއާތަކަށް ބަލާއިރު ގައިދުރުކަން އިސްކޮށްގެން އިންޓަވިއުތައް ނަގަން ފެށުނީވެސް ވަރަށް ފަހުން ކަމަށާ، އެއީވެސް ފޮޓޯގްރާފަރެއްގެ ފުރާނަ ގެއްލުނު ފަހުން ކަމަށް ލައިނޭޒް ވިދާޅުވިއެވެ.
ކަންމިހެން އޮތްއިރު ޕެރޫގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްއިންވަނީ ޓިވީއާއި ރޭޑިއޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ހެލްތް ޕްރޮޓޮކޯލްއެއް އެކުލަވާލާފައެވެ. ނަމަވެސް ޕްރިންޓް މީޑިއަމްގައި މަސައްކަތްކުރާ ނޫސްވެރިންގެ ވާހަކައެއް މި ޕްރޮޓޮކޯލްގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި ނޫސްވެރިންނަކީވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ބައެކެވެ.