ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުންކުރެވިދާނެ ވެކްސިންއެއް ހޯދުމަށް، މިހާރުވެސް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)އިން ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލުމާތަށް ބަލާއިރު މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 133 ވެކްސިންއެއް ތަރައްގީ ކުރުމުގެ މަސައްކަތް، ހަލުވި ދުވެލީގައި ދަނީ ކުރިއަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

މީގެ 10 ވެކްސިންއެއް މިހާރު އޮތީ ކްލިނިކަލް ޓްރަޔަލް މަރުހަލާގައެވެ. ކޮވިޑް-19އަށް ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ކްލިނިކަލް މަރުހަލާގައި ވެކްސިން ތަޖުރިބާ ކުރަމުންދަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާގައެވެ.

އިތުރު ވެކްސިންތައް މިވަގުތު ހުރީ ޕްރީ-ކްލިނިކަލް ޓްރަޔަލް މަރުހަލާގައެވެ. މީގެ ތެރޭގައި ޔުނިވާސިޓީ އޮފް ޓޯކިޔޯ، ޓޫލާން ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް އަލްބާޓާ އަދި ޔުނިވާސިޓީ އޮފް ޕިޓްސްބާގްއިން ތަރައްގީ ކުރަމުންދާ ވެކްސިންތައް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

އިންޑިއާއިންވެސް ވަނީ ކައިރި މުސްތަގުބަލެއްގައި ވެކްސިންއެއް ލިބިދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.