ރައްޔިތުން މަޖިލީހުގެ ރޭގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެންމެ ބޮޑު އަނިޔާއެއްވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ މޭކަށިގަނޑު ރެނދުލާފައިވާ ކަމަށް ޝިޔާމް ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް އިން ބުނެފިއެވެ.

ޝިޔާމް އަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށް ޕީޕީއެމް އިން ބުނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. މިހާތަނަށް ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހަތަރު ހަފްތާ އަށް ބެޑު ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ. އަދި މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން "މާރާމާރީ" ގެ މައްސަލަ ޝިޔާމްގެ ފަރާތްޕުޅުން ވަނީ ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ތިބެ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އުޅޭތަން ފެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރޭ 1:30ގައި ޖަލްސާ ފެށިތަނާއެވެ.