ރޭ މެންދަމު 00:00 ފަހުން މިވަގުތާ ހިސާބަށް އެކަނިވެސް އިންޑިއާއިން 973 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.
އިންޑިއާގެ ސިއްހަތާ ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ހޯމަ ދުވަހު އެގައުމުން ޖުމުލަ 8171 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި އިއްޔެ 204 މީހަކު މަރުވި ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މިއާއެކު އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 199343 އަށް އަރާފައެވެ. މިއަދު މަރުވި 2 މީހުންނާއެކު އިންޑިއާއިން ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ ޖުމުލަ އަދަދު، 5610 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ މިދަނޑިވަޅަކީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މިއަހަރުގެ މާޗް މަހުގެ ފަހުކޮޅުން ފެށިގެން އެގައުމުގައި ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެކެވެ.
ޕާކިސްތާނުގެ މަސްރަހުވެސް އޮތީ މިފަދަ ގޮތަކަށެވެ. ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވާ ގޮތުގައި އަލުން މުރާޖައާކުރި ލޮކްޑައުންގެ އަމުރަކީ އިގުތިސޯދީ ނަޒަރަކުން ބަލާއިރު ދެކޮޅު ޖެހޭ ނިންމުމެއް ނޫން ކަމަށާ، ފަތުރުވެރިކަމަށް ގައުމު ހުޅުވާ، ރޭގަނޑު 07:00 ޖަހަންދެން ވިޔަފާރި ކުރުމަށް ދޫކޮށްފައި އޮތް ހުއްދަވެސް އެގޮތުގައި އޮންނާނެ ކަމަށެވެ.
ކަންމިހެން އޮތް ނަމަވެސް ޕާކިސްތާނުންވެސް ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން އިތުރު 3938 މީހަކު ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 76398 އަށް އަރާފައެވެ. އަދި 79 މީހެއްގެ މަރާއެކު ކޮވިޑް-19ގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 1658 އަށް އަރާފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.
މިދަނޑިވަޅުގައި ޕާކިސްތާނުން ބޭރުގައި ތިބި އެގައުމުގެ ރައްޔިތުންނަށް އެނބުރި ގައުމަށް އައުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން ވައިގެ އުދުހުންތަކަށްވެސް ޖާގަ ދެއްވާނެކަންވެސް އިމްރާން ހާން ވަނީ އިއުލާންކުރައްވާފައެވެ.