ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެކަމަނާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމާ މަޖިލީހަށް ހުށަހެޅި ރިޕޯޓު އަނބުރާ ކޮމެޓީ އަށް ފޮނުވާލައިފިއެވެ.

މިރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓު ފޮނުވާލީ ޒަހާގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހެޅުއްވި ސިޓީއަކާއި ގުޅިގެންނެވެ. ގަވާއިދު ކޮމެޓީން ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމެވީ މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބުނެފައިވާ ދުވަހަށް ހެދިފައި ނުވާތީއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޒަހާ މިރޭ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގަވާއިދުތައް ހަދައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެޓީ ރިޕޯޓު އަލުން ދިރާސާ ކުރުމަށް ފޮނުވީ 69 މެންބަރުންގެ ވޯޓުންނެވެ. މަސްވެރިކަމުގެ ގާނޫނު އެކުލަވާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މަސައްކަތް ފިޝަރީޒް މިނިސްޓްރީން ނިންމާފައި ނުވާތީ މިނިސްޓަރު ޒަހާގެ އިސްތިއުފާ އަށްވެސް ދާދިފަހުން ވަނީ މަޖިލިސް ތެރޭގައި ގޮވާފައެވެ. އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކި ކުރައްވާނެ ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.