ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލީ ނުހައްގުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވިދާޅުނުވެވެނޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް ޔާމީނަށް ރައީސް މައުމޫނު ތާއިދު ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް މައުމޫނުގެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ކުރައްވާފައި ވަނިކޮށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ހުދު އެމަނިކުފާނުވެސް ވަނީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ބުނެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓްތަކެއް ރިޓްވީޓް ކުރައްވާފައެވެ.
އަދި މީގެ ކުރިން އެމްޑީޕީ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ލިޔުއްވި މެސެޖެއްގައި ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި، އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ މާފުށީ ޖަލުގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަނީ ލޯންޑަ ކުރުމުގެ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ރުފިޔާއިން ޖަލަށް ލުމަށް ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހެވެ. ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، އިސްތިއުނާފީ މަރުހަލާ ހިނގަމުން ދަނިކޮށް، ކޮވިޑް-19ގެ ސަބަބުން ޝަރީއަތްތައް މެދުކަނޑާލަން ޖެހުމާ ގުޅިގެން މިހާރު އެ މައްސަލަ ވެސް ވަނީ މެދު ކެނޑިފައެވެ.