އިންޑިއާގެ 700 މީހުން ގެންދިޔުމަށް އަސްކަރީ މަނަވަރެއް އަނެއްކާވެސް ރާއްޖެ އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ އަންނަ ޖޫމް މަހުގެ 4 ވަނަ ދުވަހު އެ ގައުމުގެ މަނަވަރެއް އަންނަ ގޮތަށް ހަަމަޖެހިފައިވާ ކަމަށެވެ.

އަދި އެ މަނަވަރުގައި އިންޑިއާގެ 700 މީހަކު އެ ގައުމަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅު ވިއެވެ.

މިކަމާ ގިޅިގެން އިންޑިއާގެ ސަރުކާރުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އިންޑިއާ އަސްކަރިއްޔާގެ މަނަވަރު ޖަލަޝްވާ މާދަމާއިން ފެށިގެން އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމަށް މަސައްކަތް ފަށާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ރާއްޖޭގައި ތިބި 1488 މީހަކުވަނީ މިހާތަނަށް ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތްކުރުމަށް މިހާރު ރާއްޖެއާއި ލަންކާގައި ހުންނަ އިންޑިއާގެ މިޝަންތަކުން ގައުމަށް ފޮނުވާލާ މީހުންގެ ލިސްޓެއް ތައްޔާރުކުރަމުން އަންނަކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

އިންޑިއާގެ ސޫތުކުޅިއަށް އެމީހުން ގެންދިޔުމަށް ނިންމާފައިވާއިރު ދަތުރުމަޓީގައި ބޭނުންވާ ޒަރޫރީ ހުރިހާކަމެއް އިންޑިއާ ސަރުކާރުން ހަމަޖައްސަވާނެކަމަށް އިންޑިއާއިން ބުނެއެވެ. އަދި ރާއްޖެއާއި ލަންކާއިން އެގައުމަށްދާ އެގައުމުގެ ރައްޔިތުންވެސް އަންބުރާ ގެންގޮސް ސިއްހީ ދާއިރާގެ ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލުކުރުމަށް އިންޑިއާ ސަރުކާރުންވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގައި ތިބި ސައްހަ ލިޔެކިޔުން ނެތް ބިދޭސީން އެމިހުންގެ ގައުމަށް ފޮނުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ވަގުތެކެވެ. އެގޮތުން ބަނގްލަދޭޝްގެ ގިނަ އަދަދެއްގެ މީހުން ފޮނުވާލާފައިވާކަން ފާހަގަ ކުރެވެއެވެ.