މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާއިރު، އިންޑިއާއިން މިކަން ކުރަމުންދަނީ އިންތިހާ ހަލުވި މިނެއްގައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި އިންޑިއާ އަލުން ހަޅުވާލުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް މާޗް 25 ވަނަ ދުވަހު މުޅި ގައުމު ލޮކްޑައުންއަކަށް ގެންދިޔަ ގެންދިއުމަށް ނިމުމެއް ގެނައުމަށް އިންޑިއާގެ ސަރުކާރުން ރާވަފައި އޮތްކަން އިއްޔެގެ ވަގުތެއްގައި ވަނީ ހާމަކޮށްފައެވެ. މިއީ ކީއްވެ ނިންމި ނިންމުމެއްތޯ ކޮންމެ މީހަކަށްވެސް ސުވާލުކޮށްލެވެއެވެ.

ކޮވިޑް-19އާ ގުޅިގެން އަޅަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް އިންޑިއާއިން ލުއި ދޭން ފެށީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. މަގުތަކުގެ އިތުރުން އިންޑިއާގެ ވައިގެ ފަޒާއަށް ބަލާލުމުންވެސް މިކަމަށް ހެކި ލިބިއެވެ. މަސައްކަތްކުރާ ތަންތަނާ ގިނަ ވިޔަފާރިތައްވެސް މިހާރު ވަނީ ހުޅުވާފައެވެ. އުމްރާނީ ބިނާވެށީގެ މަސައްކަތްތައް ފަށައިފިއެވެ. ބާޒާރުތައް ތޮއްޖެހި، ޕާކުތައްވެސް ފުރިފައި ނެތް ވަގުތެއްވެސް ނެތޭ ދެންނެވިދާނެއެވެ. ހޮޓާތަކާ ރެސްޓޯރަންޓްތަކުގެ އިތުރުން ވިޔަފާރި މޯލްތަކާ ސްކޫލްތައް ހުޅުވަން ދެން މާ ގިނަ ދުވަހެއް ނެތެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް ހިންގާ އޮޕަރޭޝަންގެ 2 ވަނަ މަރުހަލާގެ ތެރެއިން/ފޮޓޯ: އިންޑިއާ ހައި ކޮމިޝަން | ޓްވިޓާ

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19ގެ ކޭސް ނަމްބަރުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކީ ފާއިތުވި ދުވަހުގެ ރެކޯޑް މުގުރާލަނިވި ދުވަހެކެވެ. ހޮނިހިރު ދުވަހު އެކަނިވެސް 8000 އެއްހާ އާ ކޭސް ލޮގްކުރިއެވެ. ލޮކްޑައުންއަށް ދިޔައިރު އިންޑިއާއިން ރިޕޯޓްކޮށްފައި އޮތީ 519 ކޭހެވެ. އަދި 10 މަރުގެ ރިޕޯޓްއެވެ. ނަމަވެސް އަދުގެ ހާލަކީ ކޮބައިތޯއެވެ؟ މިއަދުގެ މިވަގުތާ ހިސާބަށްވެސް 316 މީހަކު ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 182143 އަށް ވަނީ އިތުރުވެފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5185 އަށް އަރާފައެވެ.

ލޮކްޑައުންގެ ޚަރަދު ބޮޑު

ގައިންގައަށް އަރާ ބަލިތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވާ ޕްރޮފެސަރެއް ކަމަށްވާ ގައުތަމް މިނޮން ވިދާޅުވާ ގޮތުގައި މިއީ ލޮކްޑައުން އުވާލަންވީ ވަގުތެވެ. އޭނާ މިހެން ވިދާޅުވަނީ، އިލްމީ ފެންވަރުގައި އެކުލަވާލާފައިވާ މޮޑެލްތަކަށް ރިއާޔަތްކުރައްވަމުންނެވެ.

"ވަކި ހިސާބަކުން ލޮކްޑައުން ދަންމާލުމަކީ ވަރަށް އުނދަގޫކަމެއް. އިގުތިސޯދީ، އިޖުތިމާއީ އަދި ނަފްސާނީ ނަޒަރަކުން ބަލާއިރު އެހާ ދިގުމުއްތަކަށް ލޮކްޑައުން ދަންމާލުމަކީ ވަރަށް އުނދަގޫކަމެއް" މިނޮން ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން އިންޑިއާގެ ގިނަ އަދަދެއްގެ ހިޖުރަވެރި މަސައްކަތްތެރިންނެއް ވަނީ ވަޒީފާ ނެތި ހާލުގައި ޖެހިފަ/ފޮޓޯ: ނިއްކޭއި އޭޝަން ރިވިއު

ލޮކްޑައުންގެ ފުރަތަމަ ދުވަހުން ފެށިގެން މިކަންވީ އިންޑިއާއަށް ބޮޑު ޚަރަދަކަށެވެ. ނުވަތަ ގެއްލުމަކަށެވެ. ވަކިން ހާއްސަކޮށް ދުވަހު އުޖޫރައަށް މަސައްކަތްކުރަމުންދިޔަ އެތައް ސަތޭކަ ހާސް ބަޔަކަށް މިކަމުގެ ތަކުލީފު ބޮޑެވެ. ކާބޯތަކެތީގެ ސަޕްލައި ޗޭނުތައް ރިސްކަށް ގޮސް، އެތައް މިލިއަން ބައެއްގެ އާންމު ދިރިއުޅުމަށް ބުރޫއެރިއެވެ. ސިނާއީ އެތައް ވިޔަފާރިއެއް މުޅިންހެން ހުއްޓުމަކަށް އައެވެ. އިގުތިސޯދީ ހަރަކާތްތައް ހުއްޓުމަކަށް އައި ވަރަކަށް ވަޒީފާ ނެތް މީހުންގެ އަދަދުތައް އިތުރުވިއެވެ. އިނޑިއާގެ އިގުތިސޯދީ ކުރިއެރުމުގެ ތަސައްވުރު، ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ ދަށަށް ދިޔައެވެ.

އިގުތޯސީ ތަޖުރިބާކާރު އަދި އިންޑިއާގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ރާގޫރާމް ރާޖަން ވިދާޅާ ގޮތުގައި އޭޕްރިލް މަސް ނިމުނުއިރު އިންޑިއާއިން ލޮކްޑައުން އުވާލަންޖެހިއްޖެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ލޮކްޑައުންގެ މުހުލަތު ދެން އިތުރުކުރުމަކީ އިންތިހާއަށް ގެއްލުން ބޮޑު ކަމަކަށް ވާނެއެވެ.

ބައިނަލްއަގުވާމީ ކޮންސަލްޓަންޓް މެކެންޒީގެ ވާހަކަތައްވެސް ހުރީ މިފަދަ ގޮތަކަށެވެ. މެކެންޒީ މިމަހު އާންމުކުރި ރިޕޯޓް ބުނާ ގޮތުގައި އިންފެކްޝަންގެ ރިސްކްއާއެކުގައިވެސް އިންޑިއާއިން އިގުތިސޯދު މެނޭޖުކުރަންޖެހެއެވެ.

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިއަރުގައި ތިބި އިންޑިއާ ފުލުހުންގެ ފައުޖެއް މުމްބާއީގައި ހަރަކާތްތެރިވަނީ/ފޮޓޯ: ޕްރަމޫދު ޓާކޫރު

އާންމު ސިއްހަތާ ބެހޭ ތަޖުރިބާކާރު ޑރ އެން ދޭވްދާސަން ވިދާޅުވީ ލޮކްޑައުންއެއްގެ މަގުސަދަކީ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކޮށް، ސިއްހީ ހިދުމަތުގެ ނިޒާމު ވަކި އުސޫލެއްގެ ތެރޭގައި ބޭއްވުން ކަމަށްވާއިރު އެ އަމާޒު މިހާރު ހާސިލުވެފައިވާކަމަށެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލްވެސް ވާހަކަދައްކަވަނީ މިފަދަ ރޫހެއްގައެވެ. އެގޮތުން ލޮކްޑައުން މަރުހަލާ ބޭނުންކުރެއްވީ ތައްޔާރުވެވަޑައިގަތުމަށް ކަމަށާ، މިވަގުތަކީ އިގުތިސޯދު ދިރުވަންވީ ވަގުތު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އުއްމީދުގެ ހުޅުކޮޅު

އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރުން ދަށްވި ހަފުތާތަކެއް ފެނި އެތައް ބަޔަކު އަޝޯހް ކުރުވިއެވެ. އެއީ އާބާދީގެ ނިސްބަތުން ބަލާނަމައެވެ. ސިއްހީ ނިޒާމު މާ ތަނަވަސް ނޫން ގައުމެއްގެ ނަޒަރުން ވިސްނާނަމައެވެ. އިންޑިއާއިން ކޭސް ފެންނަ މިންވަރު ދަށްކޮށް އުޅެނީ އާބާދީގެ ނިސްބަތުން ޓެސްޓު ކުރާ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް އިންޑިއާއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު، ނިސްބަތުން ދަށްވަނީ މި ސަބަބާ ހެދި ނޫންކަމުގައިވެސް ވެދާނެއެވެ.

ލޮކްޑައުންގައި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އަދާކުރީ ޒިންމާދާރު ދައުރެކެވެ. ނަމަވެސް ލޮކްޑައުންއާއެކު އެތައް ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަނެވިގެންދިޔަ ދިއުމަށް އިންޑިއާއަށް އޮތީ އެދެވޭ އިޖާބައެއް ނުދެވިއެވެ. ނަތީޖާއަކަށްވީ އެތައް މިލިއަން ބަޔަކު ފައިމަގުގައި އެތައް ސަތޭކަ ހާސް ކިލޯމީޓަރަކަށް ހިނގަންޖެހި، އިންސާނަޖަށް ވީތީ ލިބިދޭންޖެހޭ އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމުވެގެން ދިއުމެވެ.

އިންޑިއާގެ ހައިވޭގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެންއައި

ޑރ ދޭވްދާސަން ވިދާޅުވާ ގޮތުގައި ހާލަތު ބަދަލުވާން ފަށާނެއެވެ. އަދިވެސް އިތުރު ކޭސްތައް ފެންނާނެ ކަމަށާ، މީގެ ތެރެއިން ގިނަ ކޭސްތަކަކީ އެސިމްޓޮމެޓިކް ކޭސްތަކަށް ވާނެ ކަމަށާ، ނުވަތަ މި ކޭސްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ވަރަށް ކުޑަކޮށް ބަލީގެ އަލާމާތް ހުރި މީހުންނަށް ވެގެންދާނެ ކަމަށް ލަފާކުރައްވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި އިންޑިއާއަށް އޮތް އުއްމީދުގެ ހުޅުކޮޅަކީ، ދުނިޔޭގެ ނިސްބަތުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އެގައުމުގައި އިންތިހާއަށް ދަށްކޮށް އޮތް އޮތުމެވެ. މިއީ އިންޑިއާގެ ސަރުކާރުންވެސް ފަޚްރެއްގެ ގޮތުގައި ބަލާ ކަމެކެވެ. ކޮވިޑް-19ގައި އިންޑިއާއިން މަރުވަނީ އެންމެ 3 ޕަސެންޓް މީހުން ކަމަށްވާއިރު، މިއީ ދުނިޔޭގެ ނިސްބަތުން އިންތިހާއަށް ދަށް މިންވަރެކެވެ.

ކަންމިހެން އޮތް ނަމަވެސް ވައިރޮލޮޖިސްޓް ޑރ ޖޭކަބް ޖޯންގެ ފިކުރު ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި އިންޑިއާގައި މަރުވާ މީހުންގެ މައުލޫމާތު ލޮގް ކުރުމުގައި ބޮޑު އުނިކަމެއް އުޅެއެވެ. ކޮވިޑް-19ގައި އިންޑިއާއިން މަރުވާ މީހުންގެ ހަގީގީ ތަފާސް ހޯދުމުގައި ސަރުކާރަށް ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލު ކުރާ ކަމަށާ، އެހެނީ މަރުވާ ކޮންމެ މީހެއްގެ މައުލޫމާތުވެސް ސަރުކާރަށް ލިބެމުން ނުދިއުން ކަން އޭނާ ފާހަގަކުރައްވައެވެ.

އިންޑިއާގެ އެންމެ ބައިބޯ އެއް ސްޓޭޓް ކަމަށްވާ ކެރެލާ/ފޮޓޯ: ގެޓީ އިމޭޖަޒް

ޑރ ޖޯން ވިދާޅުވާ ގޮތުގައި ފްލެޓް ކުރުން މުހިންމީ ބަލިޖެހޭ މީހުންގެ މައުލުމާތު ދައްކުވާދޭ ކާވް އެކަންޏެއް ނޫނެވެ. މަރުވާ މީހުންގެ ނިސްބަތް ރަމްޒުކޮށްދޭ ކާވްއަކީވެސް ފްލެޓް ކުރަންޖެހޭނެ ކާވްއެއްކަމަށް އޭނާ ވަކާލާތު ކުރައްވައެވެ.

އިސްތިރާޖުގެ މިސްރާބު ބަދަލުކުރުން

އިންޑިއާ އަލުން ހުޅުވާލުމާއެކު ބަލިމަޑުކަމުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެނަމަ އަނެއްކާވެސް ގައުމީ ފެންވަރުގެ ލޮކްޑައުންއަކަށް އިންޑިއާގެ ސަރުކާރު ތައްޔާރުތޯއެވެ؟ ތަޖުރިބަކާރުން ބުރަވާ ގޮތުގައި މިއީ ސަރަހައްދީ ލޮކްޑައުންތަކަށް ދާންވީ ވަގުތެވެ. އިންޑިއާ ސަރުކާރުންވެސް އޮތީ މި ފުރުސަތު، ސަރަހައްދީ ސަރުކާރުތަކަށް ދޫކޮށްލާފައެވެ.

އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި އަޅާފައިވާ ޕޮލީސް ޗެކްޕޮއިންޓެއް/ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ލޮކްޑައުންގެ އަމުރާއެކު 300000 ޕޮޒިޓިވް ކޭސް އަދި 71000 މަރުގެ ރިޕޯޓް، ހަގީގީ ތަފާސް ހިސާބުތަކުގެ ލިސްޓުގައި ޖަހަން ނުޖެހި ސަލާމަތް ކުރެވިފައިވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނާކަށް ހަމަ އެކަކަށްވެސް ނޭނގޭނެއެވެ. މިހާރު ދެވެން އޮތްހާވެސް އެއްޗަކީ ނަސޭހަތެވެ. އިޖުތިމާއީ ގައިދުރުކަން އިސްކުރުމާ ސާފު ތާހިރުކަމަށް ސަމާލުކަންދީ، ޒިންމާދާރު ފަރުދަކަށްވުމެވެ. ކޮވިޑް-19އަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާއިރު، ނިއު ނޯމަލްއަކީ މި ވައިރަހާއެކު، އެހެންނަމަވެސް ވައިރަހުން ދިފާއުވެގެން ދިރިއުޅެން ދަސްކުރުމެވެ.