ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ހައްލެއް ނުލިބިވާ މި ދަނޑިވަޅުގައި ގެއިން ބޭރުގައި ކުރިއަށް ގެންދާ އިވެންޓްތަކާ ބޮޑެތި އެއްވުންތައް ބޭއްވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އާ އިރުޝާދެއް އާންމުކޮށްފިއެވެ.

މި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު ބޮޑެތި އެއްވުންތައް ވީހާވެސް ހާމަކަން ބޮޑު ތަންތަނުގައި ކުރިއަށް ގެންދިއުމާ، ހާޒިރީންގެ އަދަދު ވީހާވެސް މަދު ކުރުމާ، ޖަލީސުންނަކީ ސިއްހީ ގޮތުން އެންމެ ދުޅަހެޔޮ މީހުންކަން ކަށަވަރު ކުރުމަކީ މިފަދަ ވަގުތެއްގައި ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19ގެ ނަޒަރުން ބަލާއިރު ބޮޑެތި އެއްވުންތައް ބޭއްވުމަކީ ބަލިމަޑުކަން ފެތުރިގެން ދިއުމަށް މަގުފަހިކޮށް، އެ ފަދަ ހަރަކާތެއް ބާއްވާ ގައުމެއްގެ ސިއްހީ ނިޒާމަށް އިތުރު ޕްރެޝަރެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށާ، ނަމަވެސް މިފަދަ އެއްވުންތަކަކީ އެފަދަ ކަންކަމުގައި ބޮޑެތި ފައިދާތަކެއް ހުރި އެއްވުންތަކެއްކަންވެސް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ. އެގޮތުން މިފަދަ އެއްވުންތަކަކީ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭ އެއްވުންތަކަކަށް ވުމުގެ އިތުރުން، މިފަދަ އެއްވުންތަކަކީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްވެސް ލިބިދޭ އެހީއެއްކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.

ކަންމިހެން އޮތް ނަމަވެސް، ބޮޑެތި އިވެންޓްތައް ބާއްވާއިރު ފުރިހަމަ ރިސްކް އެސެސްމަންޓްއެއް ނުވަތަ އެފަދަ ކަމަކުން ކުރިމަތިވެދާނެ ނުރައްކާތައް ފުރިހަމައަށް ދިރާސާކޮށް، ވަޒަން ކުރުމަށް ޑަބްލިއު.އެޗް.އޯ.އިންވަނީ ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ، އިވެންޓް އިންތިޒާމު ކުރާ ފަރާތްތަކަށް ގޮވާލާފައެވެ.

އިވެންޓް އިންތިޒާމު ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން:

  • ޖަލީސުން ހާޒިރުވަނީ އަދި ބައްދަލުވުން ދޫކޮށް ދަނީ އެއް ވަގުތެއްގައި ނޫންކަން ކަށަވަރު ކުރުން (އެކި ވަގުތުތަކަށް ބަހާލައިގެން ވަދެ، ނިކުމެ އުޅުމުގެ އިންތިޒާމު ހަމަޖެއްސުން)
  • އިވެންޓަށް ދިއުމަށް އޮންނަ ދަތުރުފަތުރުގެ އިންތިޒާމުތައް ވީހާވެސް ގިނަ އަދަދަކަށް ހަމަޖެއްސުން (ފްރީކުއަންސީ އިތުރު ކުރުމުން، އެއް ފަހަރާ ދަތުރުކުރާ މީހުންގެ އަދަދު މަދުވާނެ)
  • އިށީނދެ ތިބެންވީ ތަންތަން ދުރާލާ ކަނޑައަޅާ، އެތަންތަނުގައި ތިބެންވީ މީހުންނަށް އެކަން އަންގާފައި އޮތުން
  • މާލަންތަކުގައި އެންމެ ގިނަ އަދަދަކަށް ތިބޭވެނެ މީހުންގެ އަދަދު މުރާޖައާ ކުރުން
  • ބޮޑެތި އިވެންޓްތައް ވާޗުއަލް ޕްލެޓްފޯމަށް ބަދަލު ކުރުން ނުވަތަ ހާމަ ބިންތަކުގައި ބާއްވާ އިވެންޓްތަކަކަށް ބަދަލު ކުރުން
ޣައްޒާ ސިޓީގެ އާންމު ބަގީޗާއެއްގައި ކުރިއަށްދިޔަ އަޟްޙާ ޢީދު ނަމާދުގައި، ޣައްޒާގެ ކުޑަކުދިންތަކެއް ބައިވެރިވަނީ/ފޮޓޯ: އީޕީއޭ

މީގެ އިތުރުން އެ ފަދަ އިވެންޓްތަކަށް ހާޒިރުވާ މީހުންނަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާ، ކެއްސާ/ކިނބިހި އަޅާއިރު އަމަލު ކުރަންވީ އުސޫލުތައް ތަންފީޒު ކުރުމަށާ، ސާފު ތާހިރުކަން (ވަކިން ހާއްސަކޮށް އަތްތިލައިގެ) ދަމަހައްޓުމަށް ސަމާލުކަން ދިނުމަށް ޑަބްލިއު.އެޗް.އޯއިންވަނީ ގޮވާލާފައެވެ.

ވައިރަހުގެ އަސަރުކޮށްގެން ހާލު ސީރިއަސް ވެދާނެ މީހުންނާ، އުމުރުން 65 އަހަރުން މަތީގެ މީހުން މިފަދަ އިވެންޓްތަކާ ދުރުހެލިވުމާ، ނުވަތަ އެ ފުރުސަތު ނެތް ނަމަ އާންމު އުސޫލުން ބޭރު، ހާއްސަ އިންތިޒާމުތަކެއް މިފަދަ ފަރާތްތަކަށް ހަމަޖައްސާދިނުމަށްވެސް ޑަބްލިއު.އެޗް.އޯގެ އިރުޝާދުތަކުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އާންމު ބޮޑެތި އިވެންޓްތައް ވީހާވެސް މަދު ކުރުމަށާ، މިފަދަ އިވެންޓެއް ކުރިއަށް ގެންދާއިރުވެސް އެ ލޮކޭޝަންއަށް ހާއްސަ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމު ކުރުމަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ގޮވާލާފައެވެ.

ޑަބްލިއު.އެޗް.އޯއިން މިފަދަ އިރުޝާދުތަކެއް އާންމުކޮށްފައި މިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.