ކޮވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގެ ކޯޓުތައް މާދަމާއިން ފެށިގެން ހުޅުވަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއާ) އިން ނިންމައިފިއެވެ.

ޑީޖޭއިން ބުނީ، ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ލޮކްޑައުނަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އަދިވެސް ރަށްރަށުގައި ދަތުރުފަތުރު ކުރުން މަނާކުރެވިފައި އޮތުމުން މިހާރު މިބަލި ނެތް ރަށްރަށުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ހަނިކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން އާންމު އުސޫލުން ހިދުމަތް ދިނުމަށް ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ކޮވިޑް ފެތުރިފައި ނުވާ ރަށްރަށުގެ ކޯޓުތައް ހުޅުވައި ހިދުމަތް ދެމުން ގެންދިއުމަށް އަންގާކަމަށް ޑީޖޭއޭއިން ބުނެއެވެ.

އަދި އެ ކޯޓުތަކުން ހިދުމަތް ދިން ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް ޑީޖޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އޯޑިއޯ/ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސިން މެދުވަރިކޮށް ޝަރީއަތްތަކުގައި ކައިވެނި ކޮށްދިނުން ފަދަ ކަންކަން ކުރިއަށް ގެނދިއުމަށް އިސްކަން ދިނުމަށާއި، ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރާނަމަ ކޯޓުގެ އެތެރޭގައި ތޮށްޖެހުން ކުޑަކުރެވޭނެ ގޮތަށް އަމަލު ކުރުމަށް ޑީޖޭއިން އެދެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ލޮކްޑައުނަކަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެއިން ފެށިގެން ލޮކްޑައުންގެ މުއްދަތު އިތުރުކޮށް ސަރުކާރުން ވަނީ ލުއިތަކެއް ދީފައެވެ.

ލޮކްޑައުންގެ މުއްދަތުގައި ލުއިތަކެއް ދީފައި ވާއިރު، މާދަމައިން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހަށް ސަރުކާރުގެ އިދާރާތައް ހުޅުވާ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.