ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އާ ބިލެއް ހުށަހެޅުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅުން ބުނީ ގާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ރޫހާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބާރުގެ ބޭނުން ކޮށްގެން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް އެ ކޯލިޝަން ތާއީދު ނުކުރާ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ވަނީ އެ އަމަލު ކުށްވެރިކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާހު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަންޏެވެ. އިސްލާހެއް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާހު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާ އަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ހައްލު ކުރެވޭނީ ގާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާހުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވާކަމަށްވެސް އިދިކޮޅުން ބުނެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އާ ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ބުނީ ގަނޫނުއަސާސީ އިސްލާހު ކުރުމާއެކު، ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިރުންގެ ދައުރު ދެމިގެން ދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލައި ބިލުގައިވެސް އެ ކޯލިޝަނުން ކަންބޮޑުވާ ކަންތައްތައް ހުރިކަމަށެވެ. އަދި އެ ބިލް ބައްޓަން ވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެންގޮސް، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އިދިކޮޅުން މިހެން ބުނެފައި ވާއިރު، ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލަށް މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ރޭ މަޖިލީހުން ވަނީ ނިންމާފައެވެ. ނަމަވެސް މައިނޯރިޓީ ލީޑަރު އެކަމަށް ތާއިދު ނުކުރެއްވުމުގެ ސަބަބުން އެ ބިލަށް ވޯޓަށް އެހުން ވަނީ އަންނަ ހޯމަ ދުވަހުގެ ދަންވަރަށް ފަސްކޮށްފައެވެ.