އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސް ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލުގެ ފުލުހުން، ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ފަލަސްތީނުގެ ޚަބަރު ފަތުރާ ވާފާ ނިއުސް އޭޖެންސީއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ފުލުހުންގެ ހަމަލާގައި މަރާލާފައިވަނީ އުމުރުން 32 އަހަރުގެ އިޔާދު އަލް-ހައްލާގު ނަމަކަށް ކިއާ ޒުވާނެކެވެ. އޭނާއަކީ އޭނާ މަރާލި ސަރަހައްދާ ދާދި ކައިރީގައި ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސްކޫލަކަށް ހާޒިރުވެ އަދި އެތަނުގައި މަސައްކަތް ކުރަމުންދާ ޒުވާނެއް ކަމަށާ، މަރާލި ވަގުތު އޭނާ އަތުގައި އެއްވެސް ހަތިޔާރެއްވެސް ނެތް ކަމަށް ޚަބަރު ލިބެއެވެ.

އަލް-ހައްލާގުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން މެމްބަރަކު ބުނި ގޮތުގައި އެ ޒުވާނާއަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ ޒުވާނެއް ކަމަށާ، ހަމަލާދީ މަރާލި ވަގުތު އޭނާގެ މިސްރާބު ހުރީ ސްކޫލާ ދިމާލަށް ކަމަށެވެ.

އިސްރާއީލު ފުލުހުންގެ ތަރުޖަމާނު މައިކް ރޯޒެންފެލްޑް ބުނީ 'ތުހުމަތު ކުރެވޭ ގޮތަކަށް ހުރި މީހަކު، ފިސްތޯލައެއް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހިފައިގެން' ހަރަކާތްތެރިވަމުން ދިޔަ މަންޒަރު، އިސްރާއީލުގެ އޮފިސަރުންނަށް ފާހަގަކުރެވުނު ކަމަށެވެ. އެ ހިސާބުން ހުރިތަނަށް ހުއްޓުމަށް އޭނާއަށް އެންގި ކަމަށާ، އެއަށްފަހު އޭނާ ފަހާ ފައި މަގުގައި ދުވަން ފެށި ކަމަށް ރޯޒެންފެލްޑް ބުންޏެވެ. އެމީހާގެ ގަޔަށް ބަޑިޖެހީ މި ގޮތަށް ފަހަތުން ދުވުމުގެ ތެރޭގައި ކަމަށްވެސް ރޯޒެންފެލްޑް ވަނި ހާމަކޮށްފައެވެ.

ކަންމިހެން އޮތްއިރު، އެ ސަރަހައްދުން އެއްވެސް ކަހަލަ ބަޑިއެއް ފެނިފައި ނުވާކަމަށްވެސް ރޯޒެންފެލްޑް ވަނީ ބުނެފައެވެ.

މިއަދު ހެނދުނުގެ ހަމަލާއަށްފަހު އިސްރާއީލުގެ ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް، އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. ސިއްހީ ހިދުމަތްތެރިންނަށްވެސް އެސަރަހައްދަށް ނުވަދެވޭކަމަށް ފަލަސްތީނުގެ ޚަބަރުތައް ބުނެއެވެ.

ވަފާ ނިއުސް އޭޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒުވާނާގެ ގަޔަށް ތަކުރާރުކޮށް ބަޑިޖަހާފައި ހުއްޓެވެ. އަދި ބިންމައްޗަށް ވެއްޓިފައި އޮތްއިރު އޭނާގެ ހަށިގަނޑުން ލޭ ބޭރުވަމުންދިޔަ ކަމަށާ، މަރުވެދިޔައީވެސް އެގޮތަށް އޮއްވާ ކަމަށްވެސް ވަފާއިންވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުގެ ފުލުހުންވަނީ އަލް-ހައްލާގު ދިރިއުޅެމުންދިޔަ ގެވެސް ބަލާ ފާސްކޮށް، އޭނާގެ އާއިލާ މެމްބަރުންނާ ސުވާލުކޮށްފައެވެ.

އިސްރާއީލުގެ ދުވަހަކާ ނޫހެއް ކަމަށްވާ ހާރެޓްޒްއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނީ، އަލް-ހައްލާގަކީ ބަޑިއެއް ގެންގުޅޭނެ މީހެއް ނޫންކަމަށާ، އޭނާއަކީ އެއްވެސް މީހަކަށް ގެއްލުމެއް ދެވޭ ފަދަ ހާލެއްގައި ހުރި މީހެއް ނޫންކަމަށް އެ އާއިލާއިން ބުނެފައިވާކަމަށެވެ.

އިސްރާއީލު ފުލުހުންގެ ހަމަލާގައި ފަލަސްތީނުގެ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު މަރާލަފައި މިވަނީ، ހުޅަނގު އައްސޭރީގެ ރާމަﷲގައި އިސްރާއީލު އަސްކަރިއްޔާއިން ހިންގި ޖަރީމާއެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލިތާ 1 ދުވަސް ފަހުންނެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ، ފަލަސްތީނުގެ އާންމުންނާ ކުރިމަތިލުމުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ ގަދަ ބާރު ބޭނުން ކުރަމުންދާކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.