މަސްވެރިންނާއި ގުޅޭ ކަންކަމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ފެއިލްވެފައިވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގަވާއިދު އެ ގާނޫނުގައި ބުނެފައިވާ މުއްދަތަށް ހެދިފައި ނުވާތީ އެކަމާއި ގުޅިގެން ގަވާއިދު ކޮމެޓީން ދިރާސާކުރި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ޒަހާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ. ބައެއް މެންބަރުން ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ޒަހާ އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް އަވަހަށް ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ރަނގަޅު އަދި ރީތި ގޮތަކީ މަގާމުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދެއްވުން ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން އެތައް ވައުދުތަކެއް ވެފައިވާއިރު މިހާތަނަށް އެއްވެސް ވައުދެއް ފުއްދިފައި ނުވާ ކަމަށާއި މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދިއްޖެ ނަމަ ސަރުކާރު ފެއިލްވެ، އެމްޑީޕީވެސް ފެއިލް ވާނެ ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ / ފޮޓޯ: މަޖިލިސް

މީގެކުރިންވެސް އެތައް ޖަލްސާއެއްގައި މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރައްވާ ޒަހާގެ އިސްތިއުފާ އަށް ގޮވާލެއްވި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މިއަދުވެސް ވަނީ ކޯފާ އިސް ކުރައްވާ ޒަހާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. ޝަހީމް ވިދާޅުވީ ޒަހާ އަށް އެކަމަނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށެވެ. އަދި އެއީ ސަރުކާރަށް ޖެއްސުން ކުރުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް / ފޮޓޯ: މަޖިލިސް

މި ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. މިއީ މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެންބަރުން އެއްފަހަރާ އެއް ޖަލްސާއެއްގައި ސަރުކާރުގެ މިނިސްޓަރެއްގެ އިސްތިއުފާ އަށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.