އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވުމުން ނައީމްގެ މަގާމު ދަށް ކުރަން ނުވަތަ ވަޒީފާ އިން ވަކިކުރާނެ ކަމަށް ބުނެ މިނިސްޓްްރީން އިންޒާރު ދީފިއެވެ.
މިގޮތަށް އިންޒާރު ދެއްވާފައި ވަނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ، ސޮއިކުރައްވައި ނައީމަށް ފޮނުއްވި ލިޔުމެއްގައެވެ.
އެ ލިޔުމުގައި، ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް ގުޅީފަޅުން ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެށްޓަށް ނޭދެވޭ އަސަރު ކުރަމުން ދާ ކަމުގެ ޝަކުވާ ލިބެމުން ދިޔަ ކަމަށާއި އެކަމާ ގުޅިގެން މިނިސްޓްރީގެ ގިނަ ބަޔަކު ތިބޭ ވަޓްސްއަޕް ގުރޫޕެއް މެދުވެރިކޮށް ޑރ. ނަސީރު، ނައީމަށް ދެއްވި އިރުޝާދަށް އަމަލު ނުކުރައްވާނެ ކަމަށް ނައީމް ވިދާޅުވެފައިވާ ކަމަށް ބުނެއެވެ.
އެ ވަޓްސްއެޕް ގުރޫޕުގައި މިނިސްޓަރު ހުސައިން ރަޝީދާއި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދާއި އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހައިރާއި ޕީއެސް އަޖުވަދާއި ނަސީރުގެ ވެސް ތިއްބަވައެވެ.
ނައީމަށް ފޮނުވި ލިޔުމުގައި އިތުރަށް ވަނީ ސްޓޭޓް މިނިސްޓަރު ނަސީރަކީ އީޕީއޭގެ ކަންކަން ހިނގާ ނުހިނގާގޮތް ބައްލަވައި އީޕީއޭގެ ވެރިންނަށް އިރުޝާދާއި ލަފާދިނުމަށް މިނިސްޓަރު ހުސައިން ރަޝީދު ކަނޑައަޅުއްވާފައިވާ ސިޔާސީ އެންމެ އިސް މުވައްޒަފު ކަމަށާއި އީޕީއޭ ޒިންމާދާރު ވެރިއެއްގެ ކިބައިން އެފަދަ އަމަލެއް ފެނިގެން ނުވާނެ ކަމަށެވެ. ނައީމްގެ ކުށަކީ ސިވިލް ސާވިސް ގަވާއިދު 2014 ގެ އިސްލާހީ ފިޔަވަޅު އެޅުމާ ބެހޭ ޗެޕްޓަރުގެ ދަށުން ވަޒީފާގެ ކުށުގެ ދަރަޖަ ދޭކަށް ފެތޭ ކުށެއް ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެހެންކަމުން ވަކިކަމެއް ވަކިގޮތަށް ކުރުމަށް ލަފާ ދިނުމުން އެކަން އެގޮތަށް ކުރުމަށް އިންކާރު ކުރުމަކީ ނައީމަށް އޮތް އިހުތިޔާރެއް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އެ ލިޔުމުގައިވެއެވެ. އަދި އެފަގަ ކަންކަން ތަކުރާރު ވާނަމަ ދިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައި ވެއެވެ.
ހާދަހާ ކޯޅުން ބޮޑޭ ދޯ. ހުރިހާ އެންމެން ވަކިކޮށް ބާކީ ކޮށްލަނީ އުތަ؟