ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެއް ވައްތަރަށްވުރެ ގިނަ ވައްތަރުގެ ޑްރަގްތަކެއް ބޭނުންކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ސައެންސްވެރިންގެ ޓީމަކުން ބުނެފިއެވެ.
ފްރޮންޓިއާޒް އިމިއުނޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓަށް ބަލާއިރު، އެފްޑީއޭގެ ޑްރަގް ރިސާޗަރެއް ކަމަށްވާ މޮންސެރާތް ޕުއިގްއާއި އޭނާގެ ޓީމުން ވަނީ، ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށްޓަކައި އެންޓިވައިރަލް އަދި އެންޓި އިންފްލަމޭޓާރީ ޑްރްގްއާއި އަދި އެނޫންވެސް ބައެއް ކަހަލަ ޑްރަގްތައް އެއްކުރަން ޖެހިދާނެ ކަން ފާހަގަކޮށްފައެވެ.
ކަންމިހެން އޮތްއިރު، ވަކިވަކި ޕޭޝަންޓުންނަށް ހާއްސަ ފަރުވާތަކެއް ދޭން ޖެހިދާނެ ކަމަށްވެސް ކޮވިޑް-19ގެ ފަރުވާއަކީ ކޮބާއިތޯ ބެލުމަށް ދިރާސާތައް ކުރަމުންދާ އެފްޑީއޭގެ ޓީމުންވަނީ ފާހަގަކޮށްފައެވެ. މި ދިރާސާތަކުން މައުލޫމާތު ލިބޭ ގޮތަށް ބަލާއިރު ކޮވިޑް-19ގެ ފަރުވާއަކީ ކަނޑައެޅިގެން މިވެނި ޑްރަގްއެކޭ ނުބެނުވިދާނެ ކަމަށާ، ނަމަވެސް އެއީ އެކި ބާވަތްތަކުގެ ބޭސް އެއްކޮށްގެން ދެވޭ ފަރުވާއަކަށް ވެދާނެ ކަންވެސް މޮންސެރާތް ޕުއިގް ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19އަށް ޓާގެޓް ކޮށްގެން ވަކި ޑްރަގްއެއް އުފެއްދެންދެކަށް ނުވަތަ ވެކްސިންއެއް ކާމިޔާބު ކުރެވެންދެކަށް ވަކިވަކި ޕޭޝަންޓުންނަށް ވަކިވަކި ފަރުވާގެ ޕްލޭންތައް ތަންފީޒު ކުރަންޖެހިދާނެ ކަމަށާ، ވައިރަހުގެ އިންފެކްޝަންގެ އަސަރު ކުރާ މީހެއްގެ ހަށިގަނޑުން ތަފާތު ގޮތް ގޮތަށް އޭގެ އަސަރު ފެނިދާނެ ކަން މިހާރު ލިބޭ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ޕުއިގްގެ ދިރާސާ ރިޕޯޓްގައިވެއެވެ.
މި ޓީމުންވަނީ ތަފާތު 30 ޑްރަގްއެއް ތަހުލީލުކޮށްފައެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ސެލްތަކަށް ވައިރަސް ވަނަނުދީ ދުރުކޮށްދޭ ޑްރަގްއާ، މިހާރުވެސް ލޭގެ ޕްރެޝަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ ޑްރަގްތަކާ، ވައިރަސް ނަކަލު ކުރުވުން ހުއްޓުވާ ޑްރަގްތަކާ، ދިފާއީ ނިޒާމުގެ އިޖާބަ ކޮންޓްރޯލް ކުރުވާ ޑްރަގްތަކުގެ އިތުރުން އާތްރައިޓިސް ފަދަ ބަލިތަކަށް ދޭ ބޭސްތަކެއްވެސް ހިމެނެއެވެ.
މި ޑްރަގްތައް ބޭނުންކޮށްގެން ނަތީޖާ ނެރެވެނީ އެކި މީހުންގެ ހަށިގަނޑުގައި އެކި ދަރަޖައަށެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ކުއްލި ހާލަތުގައި މި ބައްޔަށް ބޭނުންކުރާ ޑްރަގްއެއްގެ ގޮތުގައި ރެމްޑެސިވިއާ ބޭނުން ކުރުމަށް އެފްޑީއޭއިންވަނީ ހުއްދާ ދީފައެވެ.