ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާއިން ތަންފީޒު ކުރަމުންދާ ހަރުކަށި ލޮކްޑައުންއާ ކާފިއުގެ އަމުރަށް، ލުއި ދީފައި ވަނިކޮށް ކޭސްތައް އިތުރުވުމާ ގުޅިގެން އަނެއްކާ ހަރުކަށި ކޮށްފިއެވެ.

ރައީސް ގޮތަބާޔާ ރާޖަޕަކްސަ އާންމު ކުރެއްވި ބަޔާނުގައި ވާ ގޮތުގައި ކާފިއު އަމުރު ހަރުކަށިކޮށް، އަންނަ ހަފްތާގެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ތިން ދުވަހު އެއްކޮށް އޮންނާނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި މި ނޫން ދުވަސް ދުވަހު ކާފިއު އިއުލާން ކޮށްފައި އޮންނާނީ ރޭގަނޑު 10:00 އިން ފަތިހު 04:00 ގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ ހަފްތާގެ ތިން ދުވަހު ކާފިއު އަމުރު ހަރުކަށި ކަމާއެކު ތަންފީޒު ކުރުމަށް ނިންމާފައި ވާއިރު، ޖޫން 6 ވަނަ ދުވަހުން ފެށިގެން އިތުރު އެންގުމެއް އަންގަންދެން ކާފިއު އިއުލާން ކޮށްފައި އޮންނާނީ ރޭގަނޑު 10:00 އިން ފަތިހު 04:00 ގެ ނިޔަލަށެވެ.

ކާފިއުއަށް ލުއެއް ދިނުމާއެކު، ދެ ދުވަސްތެރޭގައި ސްރީލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. ކާފިއުއަށް ލުއި ދޭން ނިންމީ 1068 މީހަކު ޕޮޒިޓިވްވެފައި ވަނިކޮށެވެ. ނަމަވެސް ލުއި ދިނުމާއެކު ލަންކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ، މިހާރު 1530 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ސްރީލަންކާއިން މިހާތަނަށް 1530 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، 10 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.