ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހްތިރާމު ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެ ވަޑައިގެންނެވި ވައުދުފުޅު ފުދިއްޖެ ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިއާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވެރިކަމުގެ ހުވާ ކުރައްވަމުން ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހްތިރާމު ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހްވެ ވަޑައިގެންނެވި ވައުދުފުޅު ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއަދު އެމްއެންޑީއެފްއާ ގުޅޭ ގޮތުން ރައްޔިތުން ހިއްސާކުރާ އިހުސާސްތަކުން ރައީސްގެ މި ވައުދުފުޅު ފުދިއްޖެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މާރިއާ މިހެން ވިދާޅުވީ، ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސިފައިންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް އެމްއެންޑީއެފްގެ މީޑިއާއިން ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ރިޓްވީޓް ކުރައްވަމުންނެވެ.
ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އިސްސަފުގައި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން، ކަރަންޓީން ފެސިލިޓީތައް ވެސް ބަލަހައްޓަމުން އަންނަނީ ސިފައިންނެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް ހިދުމަތް ދިނުމުގައި ވެސް ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ކޮވިޑް-19އާ ދެކޮޅަށް އިސްސަފުގައި ސިފައިން މަސައްކަތް ކުރަމުން ދާއިރު 60 އަށް ވުރެ ގިނަ ސިފައިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ޢެއީ އިންޑިއާ ގޮސް ތިޔަ ވިއްކައިގެންޔަ