ކޮވިޑް-19ގެ ހާލަތު ފެށުނު އިރާ ބަލާއިރު، އޮކްސިޖަން ކެޕޭސިޓީ އިތުރު ކުރެވިއްޖެ ކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ފެށުނު އިރު ރާއްޖޭގެ އޮކްސިޖަން ކެޕޭސިޓީ ހުރީ 7 މިލިއަނުގައި ކަމަށެވެ. އަދި މިހާރު އެ ކެޕޭސިޓީ 36 މިލިއަނަށް އިތުރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މޫސާ ވިދާޅުވީ އޮކްސިޖަން ކެޕޭސިޓީ އިތުރު ކުރެވުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.
ޑރ. މޫސާ ވިދާޅުވީ، ކޮވިޑް-19ގެ ހާލަތް ފެށުނުއިރު، އޮކްސިޖަން ކެޕޭސިޓީ 7 މިލިއަނުގައިވީ ނަމަވެސް، ސާޖެއް އައިސްފިއްޔާމު 16 މިލިއަން ބޭނުންވާ ކަމަށެވެ. އޭރު އެއީ އަތުގައި ހުރި ކެޕޭސިޓީއާ ވަރަށް ބޮޑު ގެޕެއް ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަލި މީހުންނަނސް ފަރުވާދިނުމުގައި އެންމެ ބޮޑު ކޮމްޕޯނެންޓަކީ އޮކްސިޖަން ކަމަށާއި، އޮކްސިޖަން ހުރެއްޖިއްޔާމު، ކޮންމެތާކު ބާއްވައިގެން ވެސްފަރުވާ ދެވިދާނެ ކަމަށެވެ. އަދި އޮކްސިޖަން ކެޕޭސިޓީ މިހާރު 36.4 މިލިއަނަށް އިތުރުވެފައިވާއިރު، މިހާރު މިދާ ރޭޓުން އޮކްސިޖަން މަދުވެގެން ނުދާނެ ކަމަށް ބެލެވޭ ކަމަށް ޑރ. މޫދާ ވިދާޅުވިއެވެ.
އޮކްސިޖަން މަދު ނުވާނެ ކަމަށް ބެލެވުނަސް އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކިތަންމެ ވަރަކަށް ތައްޔާރުވި ނަމަވެސް ބައެއް ހާލަތްތަކުގައި ވަސީލަތްތަކުގެ ކެޕޭސިޓީ ދަށް ވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.