މިމަހު މިހާތަނަށް ދަމަނަވެށިން 688 މީހަކު ވެކްސިން ޖަހާފައިވާ ކަމަށް އެތަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާ އިރުވެސް، ދަމަވެށިން ދަނީ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުވުމަށް ފަހު، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށް ދަމަނަވެށިން ދަނީ އެ ހިދުމަތް ދެމުންނެވެ.

ދަމަނަވެށިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހު މިހާތަނަށް 688 މީހަކު ވަނީ އެ ތަނުން ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން 435 މީހުންނަކީ ކޮންމެހެން ޖަހަންޖެހޭ ވެކްސިން ޖަހާފައިވާ ފަރާތަތްކެވެ. އަދި 253 މީހުންނަކީ އެއީ އިހްތިޔާރީ ގޮތުން ޖަހަންޖެހޭ ވެކްސިން ޖަހާފައިވާ ފަރާތްތަކެވެ.

މިމަހު މިހާތަނަށް 688 މީހަކު ވެކްސިން ޖަހާފައިވާއިރު، ވެކްސިން ޖެހުމަށް ނަން ނޯޓު ކޮށްފައި ވަނީ 1020 މީހެކެވެ. ނަން ނޯޓު ކުރުމަށްފަހު 332 މީހަކު ވެކްސިން ޖަހާފައެއް ނުވެއެވެ.

ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭން ޖެހޭ ވެކްސިންތައް ދިނުމަށް ދަމަނަވެށި ހުޅުވަމުންދާއިރު، ދަމަނަވެށިން ވަނީ، 3322403 އަށް ގުޅާ އެޕޮއިންޓްމަންޓް ހައްދާއިރު، ކުއްޖާގެ ނަން، އުފަންތާރީހު، އެންމެފަހުން ވެކްސިން ޖެހި ތާރީހާއި ވެކްސިންގެ ނަން އަދި މިހާރު ދިރިއުޅޭ އެޑްރެސްގެ އިތުރުން މިހާރު ދިރިއުޅޭ ގެއަކީ މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއްތޯ ސާފުކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރުން، މިހާލަތުގައި ވެކްސިން ޖެހުމަށް ދަރިފުޅު ގޮވައިން ގެއިން ބޭރަށް ނިކުންނަން ޖެހޭތީ، ކަންބޮޑުވެފައިވާ ފަރާތްތަކަށް ކުޑަކުދިންގެ ހާއްދަ ޑރ. ފައިސަލް އަހްމަދު ވަނީ އަމަަލު ކުރަންވީ ގޮތް ސާފުކޮށްދެއްވާފައެވެ. ޑރ. ފައިސަލް ވިދާޅުވީ، ވެކްސިންޖަހަން ދާއިރު ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމު ކަމަށެވެ. އެގޮތުން، ބެލެނިވެރިޔާ މާސްކު އެޅުން، ބެލެނިވެރިޔާއާއި ދަރިފުޅުގެ އަތް ސާފުކޮށް ބެހެއްޓުން، ސެނިޓައިޒާ ބޭނުންކުރުން، 6 ފޫޓު ދުރުދުރުގައި ކިއޫ ހެދުން އަދި ޓެކްސީއަކަށް އެރުމުގެ ބަދަލުގައި ސައިކަލް، ނުވަތަ ހިނގާފައި ދިއުމަށް ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ޑރ. ފައިސަލް ވިދާޅުވީ، ވެކްސިން ދިނުން ލަސް ނުކުރުމަށާއި، ވެކްސިން ޖެހެން އޮތްނަމަ އެއީ ފައިދާ ބޮޑުގޮތް ކަމަށެވެ. އަދި ތަފާތު ހިސާބުތަކުން ދައްކާގޮތުން ކުޑަކުދިންނަށް ޕޯލިއޯ، ކަރުފޮޅު، ހޯއްގޮވާ ކެއްސުން، އިދިފުށަށްދަމާބަލި، ހެޕަޓައިޓިސްބީ، އަދި ހިބް ގެ ނުރައްކާ ކޮވިޑަށްވުރެ ލައްކަތަނުން ބޮޑުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.