ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނެޒުއޭލާގެ ސިއްހީ ހިދުމަތުގެ ނިޒާމު މިވަގުތު އޮތީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނޫންކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކާ، ސިއްހީ ތަޖުރިބާކާރުން ބުނެފިއެވެ.

މިއާއެކު ވެނެޒުއޭލާގެ ރައްޔިތުންގެ ސިއްހަތު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށާ، ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމުގެ އިންޒާރުވެސް އެ ފަރާތްތަކުން ވަނީ ދީފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް އަދި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސެންޓާޒް ފޮ ހަބްލިކް ހެލްތް އެންޑް ހިއުމަން ރައިޓްސްއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ވެނެޒުއޭލާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އިންސާނީ އެހީ އެކަށީގެންވާ މިންވަރަކަށް ލިބޭނެކަން ކަށަވަރުކޮށްދޭން ޖެހެއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ވެނެޒުއޭލާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 1211 މީހުންނެވެ. އަދި މި ބަލީގައި 11 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ކަންމިހެން އޮތް ނަމަވެސް، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ. އެހެނީ ޓެސްޓު ކުރުން އިންތިހާއަށް ލިމިޓްވެފައި އޮތުމާ، ސައްހަ މައުލޫމާތު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި އޮތުމެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އެންޑް ޖޯންސް ހޮޕްކިންސް ސެންޓާޒްގެ ފިޒީޝަން އަދި ފެކަލްޓީ މެމްބަރެއް ކަމަށްވާ ކެތްލީން ޕޭޖު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމުގެ ފުރިހަމަ ގާބިލުކަން ވެނެޒުއޭލާއަށް ލިބިފައި ނެތުމުން، ގައުމު ދޫކޮށް ކައިރި ހިސާބުތަކަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށާ، މިއާއެކު ސަރަހައްދީ ގައުމުތަކުގެ ސިއްހީ ނިޒާމަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް އަދި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސެންޓާޒް ފޮ ހަބްލިކް ހެލްތް އެންޑް ހިއުމަން ރައިޓްސްއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ވެނެޒުއޭލާގެ ސިއްހީ ހިދުމަތުގެ ނިޒާމު ވަނީ އިނދަޖެހިފައެވެ. އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ސަޕްލައިއެއް ނެތެވެ. އަސާސީ ހިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. ސިއްހީ ހިދުމަތްތެރިން ދަނީ ގައުމު ދޫކޮށް ހިޖުރަކުރަމުންނެވެ. މިއާއެކު ފުރިހަމަ ކެޕޭސިޓީގައި ސިއްހީ ހިދުމަތުގެ ނިޒާމު ހިންގުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށަށެވެ.

ގްލޯބަލް ހެލްތް ސެކިއުރިޓީ އިންޑެކްސްއަށް ބަލާއިރު ވެނެޒުއޭލާ ރޭންކުކޮށްފައިވަނީ ބަލިމަޑުކަމެއް މެދުވެރިވެއްޖެ ހިނދެއްގައި އެންމެ ދަށް ފަންތީގައި އިޖާބަދެވޭނެ ގައުމުތަކުގެ ލިސްޓުގައެވެ.

މީގެ އިތުރުން މި ވަގުތަކީ ވެނެޒުއޭލާގެ ސިޔާސީ މަސްރަހާ އާންމު މަސްރަހުގައިވެސް ހަމަނުޖެހުންތަކެއް އުޅޭ ވަގުތެކެވެ.