ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އެންމެ އެކަށީގެންވާ ފަރުވާގެ ގޮތުގައި އެމެރިކާއިން ފުޅާ ދާއިރާއެއްގައި ޕްރޮމޯޓް ކުރަމުންދާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު)ގެ ޓްރަޔަލް މަޑުޖައްސާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ނިންމައިފިއެވެ.
އެންޓި-މެލޭރިއަލް ޑްރަގެއް ކަމަށްވާ އެޗް.ސީ.ކިއު ޑްރަގްއަކީ ކޮވިޑް-19އަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ ޑްރަގްއެއްތޯ ވިލަރެސް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފެށި ތަހުލީލުތައް މަޑުޖައްސާލާފައިވަނީ މި ޑްރަގް ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިލާންޖެހިދާނެ ނުރައްކާތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.
މެލޭރިއާއާއި އޮޓޯއިމިއުން ބަލިތައް ފަރުވާކުރުމަށް މީގެ އެތައް އަހަރެއް ކުރީއްސުރެ ބޭނުންކުރަމުން އަންނަ އެޗް.ސީ.ކިއުއަކީ ކޮވިޑް-19ގެ ފަރުވާކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ. މި ބަލިން ރައްކާތެރި ވުމުގެ ގޮތުން 2 ހަފުތާގެ މުއްދަތަށް އެޗް.ސީ.ކިއު ބޭނުން ކުރައްވާފައިވާނެ ކަމަށް ޓްރަމްޕް ވަނީ ދާދިފަހުން އިއުލާން ކުރައްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މި ބޭހަކީ ނުރައްކާތެރި ސައިޑް އިފެކްޓްސްތަކެއް އެ ބޭހުގައި އެކުލެވޭ ބޭހެއް ކަމަށާ، މި ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހިތުގެ މައްސަލަތަކާ ކުރިމަތިލާންޖެހުން ފަދަ ކަންކަންވެސް ހިމެނޭ ކަމަށެވެ.
މިކަން ހާމަކުރައްވަމުން ޑރ ޓެޑްރޯޒް އިޝާރާތް ކުރެއްވީ އިނގިރޭސިވިލާތުގެ މެޑިކަލް ޖާނަލްއެއް ކަމަށްވާ ދަ ލޭންސެޓްގައި މިދިޔަ ހުކުރު ދުވަހު އާންމު ކުރި ދިރާސާއަށެވެ. މި ދިރާސާ ބުނާ ގޮތުގައި އެޗް.ސީ.ކިއުއަކީ ކޮވިޑް-19ގެ ޕޭޝަންޓުންގެ ފަރުވާއަށް އޮތް އެހީއެއް ނޫނެވެ. ނަމަވެސް އޭގެ ބަދަލުގައި މި ޑްރަގްގެ ސަބަބުން މީހުން މަރުވާ ރޭޓް އިތުރުވެދާނެ ކަމަށްވެސް އެ ދިރާސާގައި ވަނީ ބުނެފައެވެ.
ޑރ ޓެޑްރޯޒް ވިދާޅުވީ އެޗް.ސީ.ކިއުއާއި ގުޅިގެން ޑަބްލިއު.އެޗް.އޯއިން ކުރިއަށް ގެންދިޔަ ޓްރަޔަލް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާކަމަށާ، ސަލާމަތާ ބެހޭ ބޯޑުން މުރާޖައާތަކެއް ކުރަމުންދާކަމަށެވެ.
ޑަބްލިއު.އެޗް.އޯގެ ޗީފް ސައެންޓިސްޓް ޑރ ސޯމްޔާ ސްވާމިނޭތަން ވިދާޅުވީ އެޗް.ސީ.ކިއުއާ ގުޅިގެން އެ ޖަމިއްޔާއިން ކުރިއަށް ގެންދަން ފެށި ޓްރަޔަލް މަޑުޖައްސާލުމަށް މެމްބަރު ގައުމުތަކުގެ ރެގިއުލޭޓަރުންވެސް އިންޒާރުތަކެއް ދީފައިވާކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އަދި ހަފުތާއެއް ނުވަތަ 2 ހަފުތާއެއްހާ ދުވަސް ހޭދަކުރައްވާނެ ކަމަށްވެސް ޑރ ސްވާމިނޭތަން ވަނީ ހާމަކުރައްވާފައެވެ.
ޑރ ޓެޑްރޯޒް ވިދާޅުވީ ކޮވިޑް-19ގެ ބޭރުން އެހެން ބަލިތަކަށް ފަރުވާ ކުރުމަށް އެޗް.ސީ.ކިއު ބޭނުން ކުރާ ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ކަންބޮޑުވުން އުފެދެނީ ކޮވިޑް-19އާ ގުޅިގެން އެޗް.ސީ.ކިއު ބޭނުން ކުރުމުގައި ކަމަށާ، މެލޭރިއާއާއި އޮޓޯއިމިއުން ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި މި ބޭސް ބޭނުންކުރާ ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖެއިންވެސް ވަނީ އިންޑިއާ މެދުވެރިކޮށް، އެޗް.ސީ.ކިއު ޝިޕްމަންޓްއެއް ގެނެސްފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ. މި ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ އެ ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 5.5 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާއިރު، 2.3 މިލިއަން މީހުންވަނީ ފަރުވާ ހޯދައިގެން ޝިފާ ލިބި، ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 347903 އަށް ވަނީ އަރާފައެވެ.