ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާގައި ތަންފީޒު ކުރަމުންދިޔަ ހަރުކަށި ލޮކްޑައުންގެ އަމުރާއެކު ދެ މަހެއްހާ ދުވަހަށް ޚިދުމަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ފަށައިފިއެވެ.

ދެކުނު އަންދްރަ ޕްރަދޭޝްއާއި އިރުމަތިން ވެސްޓް ބެންގޯލް ފިޔަވާ އެހެން ހުރިހާ ސްޓޭޓަކަށްވެސް ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރުދީޕް ސިންހް ޕޫރީ ވިދާޅުވީ، މި ސްޓޭޓްތަކަށް ޑޮމެކްސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރަން ފަށާނީ އަންގާރަ ދުވަހު ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕޫރީ ވިދާޅުވީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންއެއް މުހިންމު ކަމަށާ، ނަމަވެސް ވަކި ހިސާބަކުން ހުޅުވާލަންވެސް ޖެހޭނެ ކަމަށެވެ. ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓްކުރަން ނެރުނު އަމުރަކީ އޯގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށް ތަންފީޒުކުރާނެ އަމުރެއް ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑޮމެސްޓިކް އުދުހުންތައް ފެށިކަމުގައިވީ ނަމަވެސް މި ފްލައިޓްތަކުން ދަތުރުކުރެވޭނީ ހަމައެކަނި އެސިމްޓޮމެޓިކް މީހުން ނުވަތަ ބަލީގެ އެއްވެސް ނިޝާނެއް ނުފެންނަ މީހުންނަށް ކަމަށާ، އެމީހުންވެސް ތިބެންޖެހޭނީ މާސްކު އަޅާ ނިވާކޮށްގެން ކަމަށާ، ސެނިޓައިޒާވެސް ގެންގުޅެންޖެހޭނެ ކަމަށެވެ.

އޮންލައިންކޮށް ފްލައިޓަށް ޗެކް-އިން ވުމަށްފަހު، އެންމެ މަދުވެގެން 2 ގަޑިއިރުގެ ކުރިން އެއާޕޯޓްއަށް ހާޒިރުވާންޖެހޭނެ ކަމަށާ، ފިޒިކަލް ޗެކް-އިންގެ ޚިދުމަތް ލިބެން ނޯންނާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ހުރިހާ ފަސެންޖަރުންނަކީވެސް އިންޑިއާގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ކޮންޓެކްޓް ޓްރޭސިންގް އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލާޒިމުކޮށްފައެވެ.