މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ބަލިޖެހޭތާ 11 ވަނަ އަށް ވާ ދުވަހުގެ ފަހުން ޕޮޒިޓިވް ކަމަށް ދެއްކި ކަމުގައި ވީ ނަމަވެސް، އޭނާގެ ފުށުން އިތުރު ބަޔަކަށް ބަލި ނުފަތުރާ ކަމަށް ސިންގަޕޫރުން ކުރިއަށް ގެންދިޔަ ދިރާސާއެއް ބުނެފިއެވެ.
އޭޝިއާ ސަރަހައްދުގައި ސިއްހީ ރޮނގުން އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރުގެ ނޭޝަނަލް ސެންޓާ ފޮ އިންފެކްޝަސް ޑިޒީޒަސްއާއި އެކަޑަމީ އޮފް މެޑިސިން ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި "ޕޮޒިޓިވް" ކަމަށް ދައްކާ ކޮންމެ ކޭހެއްގެ ފުށުން އިތުރު ބަޔަކަށް ބައްޔެއް ނުފަތުރައެވެ. އެގޮތުން ބަލިޖެހޭތާ 11 ވަނަ އަށް ވާ ދުވަހުގެ ފަހުން ވައިރަސް އައިސޮލޭޓްވެސް ނުކުރެވޭ ކަމަށް އެ ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާ ރިޕޯޓް އެކުލަވާލާފައިވަނީ ސިންގަޕޫރުން ބަލިޖެހުނު މީހުންގެ ތެރެއިން 73 ޕޭޝަންޓްއެއްގެ ކިބައިން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި އާ ހޯދުމަކީ، ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދާ މީހުން 'ޑިސްޗާޖު' ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލެއް ގެނުވާނެ ހޯދުމެއް ކަމަށް ބެލެވެއެވެ. ކޮވިޑް-19އަށް ފަރުވާދެމުންދާ ޕޭޝަންޓުން ޑިސްޗާޖު ކުރުމަށް ނުވަތަ ގެއަށް ފޮނުވާލުމުގައި މިހާރު އަމަލު ކުރަމުންދަނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ނަގާ ސާމްޕަލް ނެގެޓިވް ވަންދެން ބަލާ އުސޫލުންނެވެ.
ސިންގަޕޫރުގެ ދިރާސާއާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.