ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 127 އަށް އަރައިފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނީ، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 127 މީހުން ކަމަށެވެ. ނަމަވެސް މިއީ ކޮންއިރަކު ރަނގަޅުވި ބައެއް ކަމެއް އެންއީއޯސީން ހާމައެއް ނުކުރެއެވެ.
އެންއީއޯސީން މިހެން ބުނެފައިވާއިރު، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓާރުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 3 މީހަކު ބަލިން ރަނގަޅުވެފައިވާ ކަން އިއުލާން ކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 112 މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 1313 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 1198 ކޭސްތަކަކީ އެކްޓިވް ކޭސްތަކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިމަހު 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވުމާއެކު، ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.