ސަރުކާރުގެ އެކި އިދާރާތަކުން ދޫކޮށްފައިވާ ބިމު ކުލީގެ ގޮތުގައި މިއަހަރު 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި ކަމަށާއި ނަމަވެސް ކޮވިޑް19 ގެ ސަބަބުން މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރެވެނީ 800 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ތަންތަނުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި މިއަހަރު ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވުނު ކަމަށާއި ނަމަވެސް މިހާރު ލަފާ ކުރެވެނީ ބިންތަކުގެ ކުލިން 800 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަމީރު ނުދެއްވައެވެ. އަމީރު މިފަދައިން ވިދާޅުވިއިރު އެންމެ ފަހުން ގައުމާއި މުހާތަބު ކުރެއްވި ރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް19ގެ މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެން ދާއިރު، ރިސޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ނިންމާފައި ވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މީގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.