އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެގެން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން ޚަބަރު ދޭ ގޮތުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 6654 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ ބަޔަކު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި ފަހަރު ކަންވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ޮކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ފުލުހުން މަގުމަތީގައި އުޅޭ މީހުންގެ ހުން ބަލަނީ/ފޮޓޯ: އެންވައިޓީ

މިއާއެކު އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 125101 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 3720 އަށް އަރާފައިވާކަމަށް ޚަބަރު ލިބެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ މަހާރާޝްތްރާ ސްޓޭޓްގައެވެ. މި ސްޓޭޓްއިން އެކަނިވެސް 44582 މީހަކު ޕޮޒިޓިވްވެފައިވާއިރު، 1517 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެސް އިންގްލިޝް

އިންޑިއާއިން ކޮވިޑް-19އަށް ރެކޯޑް އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާ މި ދަނޑިވަޅަކީ، އެގައުމުގައި އެތެރޭގެ އުދުހުންތައް އަލުން ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެކެވެ. އިންޑިއާގެ ސަރުކާރުންވަނީ އަންނަ ހަފުތާއިން ފެށިގެން ޑޮމެސްޓިކް އުދުހުންތަކަށް ފުރުސަތު އޮންނާނެ ކަން އިއުލާންކޮށްފައެވެ. ކަންމިހެން އޮތްއިރު ބައެއ ސްޓޭޓްތަކުންވަނީ އެތެރޭގެ އުދުހުންތަކުން އަންނަ ފަސެންޖަރުންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ލާޒިމުކޮށްފައެވެ.