މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާ އަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި މަހުގެ ރަމަޟާން މަހުގެ 29ވަނަ ދުވަހު [މެއި 22] އިރުއޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމުގައި އަމަލުކުރާ އުސޫލުގެ ދަށުން މާދަމާއަކީ ރަމަޟާން މަހުގެ 30 ކަމަށް ކަނޑައަޅާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން 1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ ދުވަހަކީ ނުވަތަ ފިތުރު އީދު ދުވަހަކީ މި ހިނގާ މޭމަހުގެ 24 ވާ އާދީއްތަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަންނަ އާދީއްތަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވާއިރު ރާއްޖޭގައި ކޮވިޑް19 ފެތުރޭތީ މާލެ ސަރަހައްދުގެ އެއްވެސް މިސްކިތެއްގައި އީދު ނަމާދެއް ނުކުރާނެއެވެ. ނަމާދު ކުރުމަށް ހުއްދަ ދީފައި ވަނީ މޮނިޓަރިންގެ ހާލަތު ނެތް އަދި މޮނިޓަރިން އަށް ގެންދިއުމަށް ފަހު ވީއްލިތާ 28 ދުވަސް ވެފައި ވާ ރަށްރަށުގެ މިސްކިތްތަކުގެގައެވެ.