ބާލިޣުވެ ތަސައްރަފު ފުދޭ ހިސާބުން އަންހެނެއްގެ ހަޔާތުން ބޮޑު ބައެއް އެކަމުގައި ހޭދަކުރާ ހައިޟުގެ ދުވަސްވަރަށް ހާއްސަކޮށްގެން ބޭނުން ކުރާ ޕެޑް ނުވަތަ ސެނިޓަރީ ނެޕްކިން ލިބުމުގެ ދަތިކަން، އިންޑިއާގެ ޒުވާން އަންހެން ކުދިންނަށް ކުރިމަތިވަމުން އަންނަކަމަށް ޚަބަރު ލިބިއްޖެއެވެ.
ފުރާވަރު އުމުރުގެ ކުދިންނަށް މިމައްސަލައާއި ކުރިމަތިލާން ޖެހިފައި ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި އޮތުމުންނެވެ. މި ކުދިންނަށް ކޮންމެ މަހަކަށްވެސް ބޭނުންވާ ސެނިޓަރީ ނެޕްކިން ފޯރުކޮށް ދެނީ އެކުދިންގެ ސްކޫލްތަކުން ކަމަށް ވާއިރު، އެތައް މިލިއަން ކުދިންނެއް މިއަދު ވަނީ، ސެނިޓަރީ ނެޕްކިން ނުލިބުމުގެ ކަންބޮޑުވުމެއްގެ ތެރޭގައެވެ.
މިފަދަ އެއް ކުއްޖަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހުޅަނގު އުތުރުން އޮންނަ ބަދްލީ އަވަށުގެ ރަށްފުށު ހިސާބުގައި ދިރިއުޅޭ، އުމުރުން 14 އަހަރުގެ ޕްރިޔާއެވެ. އޭނާއަށް ކޮންމެ މަހަކުވެސް 10 ޕެޑްގެ ސެނިޓަރީ ނެޕްކިން ޕެކެއް ދެނީ ސްކޫލުންނެވެ. މިއީ މެންސްޗުރަލް ހައިޖީން ޕްރޮގްރާމްގެ ދަށުން، އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.
އިންޑިއާގެ އާބާދީގެ 335 މިލިއަން އަންހެންނުނަކީ ހައިޟުވާ އުމުރުގެ ދުވަސްތައް ގުނަމުންދާ މީހުން ކަމަށްވީ ނަމަވެސް، ސެނިޓަރީ ނެޕްކިން ބޭނުންކުރަނީ މީގެ ތެރެއިން އެންމެ 36 ޕަސެންޓް މީހުންނެވެ. އަނެއް ބައި މީހުން ބޭނުން ކުރަނީ ބާވެފައި ހުންނަ ފޮތިގަނޑާ، ބޮނބިކުނޑީގެ އިތުރުން އަޅިއާއި ދެލިކަމަށްވެސްވެއެވެ. ކަންމިހެން އޮތްއިރު، ހައިޟުގެ ދުވަސްވަރަށް ފެށުމުން އިންޑިއާގައި އަހަރެއްގެ މައްޗަށް 23 މިލިއަނެއްހާ އަންހެން ކުދިން ސްކޫލް ހަޔާތް ނިންމާލާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.
މިއިވެސް މަދު ކުއްޖަކަށް ނޫނީ ނުލިބޭ ނަސީބެކެވެ. އޭނާއަށް ބޭނުންވާ ސެނިޓަރީ ނެޕްކިން ހޯދާދިނުމުގެ ތަނަވަސްކަން މިވަގުތު ޕްރިޔާގެ މައިންބަފައިންނަށް ލިބިފައިވެއެވެ. ނަމަވެސް އޭނާގެ އަވަށްޓެރިންގެ ހާލު ތަފާތެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި ބިކަވެއްޖެއެވެ. ކާބޯތަކެތި ހޯދޭނެ ފަދައެއްވެސް ނެތް މީހުން އެބައުޅެއެވެ. އެ އާއިލާތަކަށް ނިސްބަތްވާ ކުދިން މިހާރު ވަނީ ބާ ފޮތި ބޭނުން ކުރަން ފަށާފައެވެ.
ނަމަވެސް މިއީ ފަސޭހަ ކަމެއް ނޫނެވެ. އިންޑިއާގެ އާދަކާދަ އޮންނަ ގޮތުން ގޭގައި ފިރިހެނުން އުޅޭ ވަގުތުތަކުގައި ފާހާނާއަށް ގޮސް ހެދުމަކީ މާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން އެންމެން ގޭ ބަންދުވެފައި ތިބެންޖެހޭއިރު، އެނޫން ގޮތެއްވެސް ނެތެވެ. އަދި ނިމުނީކީ ނޫނެވެ. ފޮތިން ހަދާފައިވާ ސެނިޓަރީ ނެޕްކިންތައް ދޮވުމަށްފަހު އަވިން ހިއްކުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ.
އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެއް ކަމަށްވާ މަދޫ ބާލާ ރާވާތު މިހާރުވެސް ދަނީ މިކަމަށް ވަކާލާތު ކުރަމުންނެވެ. ބަލިމަޑުކަމެއް އައުމަކީ އަންހެނުންނަށް ކުރިމަތިވާ ހައިޟުވުން ހުއްޓޭ ކަމެއް ނޫންކަމަށާ، ކާބޯތަކެއްޗެކޭ އެއްފަދައިން މިފަދަ ޒަރޫރީ އެއްޗިހިވެސް ބޭނުންވާކަމަށް އޭނާ ދަނީ ވަކާލާތު ކުރަމުންނެވެ.
ކަންމިހެން އޮތްއިރު، އިންޑިއާގައި ސެނިޓަރީ ނެޕްކިން އުފައްދާ ފަރާތްތަކާ ފުލުހުންވެސް ދަނީ އެކި ހިސާބުތަކަށް ސެނިޓަރީ ނެޕްކިން ފޯރުކޮށްދެމުންނެވެ. މިތަކެތި ހާއްސަކޮށްފައިވަނީ ފަގީރު އަވަށްތަކާ، ރިލީފް ކޭމްޕުތަކުގައި ތިބި ހިޖުރަވެރި މަސައްކަތްތެރިންނަށެވެ.
މިމައްސަލަ ކުރިމަތިވި އެންމެ ބޮޑު އެއް ސަބަބަކީ މާޗް މަހުގެ 29 ވަނަ ދުވަހު ފުރަތަމަ ފަހަރަށް އިންޑިއާ ލޮކްޑައުން ކުރިއިރު، އަސާސީ ހިދުމަތްތުގެ ލިސްޓުގައި ސެނިޓަރީ ނެޕްކިން ހިމަނާފައި ނެތުމުންނެވެ. ނަމަވެސް ބޭސްފިހަރާތަކާ، އާންމު ފިހާރަތަކުން ސެނިޓަރީ ނެޕްކިން ހުސްވުމުގެ މައްސަލަ ފެންމަތިވާން ފެށުމާއެކު، މި ލިސްޓަށް ސެނިޓަރީ ނެޕްކިން އިތުރުކުރިއެވެ. ނަމަވެސް އޭރު އޮތީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 ދުވަސް ފަހަތަށް ޖެހިފައެވެ.
ސެނިޓަރީ ނެޕްކިން އުފައްދާ ކުންފުނިތަކަށް މަސައްކަތް ފަށައިގަތުމަށް 4 ވަރަކަށް ދުވަސް ބޭނުންވިއެވެ. ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން މަސައްކަތްތައް ފަށައިގަނެވުނުއިރު އެކަށީގެންވާ އަދަދަށް މުވައްޒަފުންނެއް ނުލިބެއެބެ. ކޮންޓެއިންމަންޓް ޒޯންގެ ގޮތުގައި ބަންދުކޮށްފައިވާ ސަރަހައްދުތަކުން މުވައްޒަފުންނަކަށް ނުނިކުމެވެއެވެ.
އިންޑިއާގައި ސެނިޓަރީ ނެޕްކިން އުފައްދާ ކާރުހާނާތަކުގެ ތެރެއިން އޮޕަރޭޓްކުރަނީ 60 ޕަސެންޓް ކާރުހާނާއެއް ކަމަށްވާއިރު، މިއިން އެންމެ ކާރުހާނާއަކީވެސް ފުލް-ކެޕޭސިޓީގައި އޮޕަރޭޓްކުރާ ތަންތަން ނޫންކަންވެސް ފާހަގަކުރަންޖެހެއެވެ. ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ސެނިޓަރީ ނެޕްކިން ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަން ހައްލުވުމުގެ ކުރިން މަސްރަހު އިތުރަށް ގޯސްވާނެއެވެ.
“ ބާލިޣުވެ ތަސައްރަފު ފުދޭ ހިސާބުން އަންހެނެއްގެ ހަޔާތުން ބޮޑު ބައެއް އެކަމުގައި ހޭދަކުރާ ހައިޟުގެ ދުވަސްވަރަށް“ ކޮބައިތަ ބޮޑުބައަކީ؟؟ ބޮޑުވާނީ ދެބައިކުޅަ އެއްބަޔަށްވުރެން ބޮޑުވީމަ. ނޫނީ %50 ޢަށް ވުރެން ބޮޑުވީމަ ނޫނީ ގިނަވީމަ.
ސޯލިހުބޭ ކައިރި ބުނޭ ޝިޕްމަންޓެއް ފޮނުވާށޭ! ޢިންޑިއާއިން ރާއްޖެއަށް އެވަރަށް އެހީދޭއިރު ބޮޑާބެ ދިންކަހަލަ ޝުކުރިއްޔާއަކުން ނުފުދޭނެ ދޯ!