ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލާފައިވާ ސައުދީގެ ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ގާތިލުންނަށް މައާދު ދީފައި ވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޚަޝޯގީގެ އާއިލާއިން ގާތިލުންނަށް މައާފު ދިންކަން ހާމަކޮށްފައި ވަނީ، އޭނާގެ ފިރިހެން ދަރިފުޅު ސޮލާހް ޚަޝޯގީ ރޭގެ ވަގުތެއްގައި ކުރި ޓްވީޓްއެއްގައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ވ) އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން/ފޮޓޯ: ޑެއިލީ ބީސްޓް

މަޢާފު ދިނުމަށް އިސްލާމް ދީނުގައި ދެވިފައިވާ ހާއްސަ ގަދަރުގެ ހަނދާން އާއުކޮށް، ސޮލާހް ޚަޝޯގީ ކުރި ޓްވީޓްގައި ބުނެފައިވަނީ ޝަހީދު ޖަމާލް ޚަޝޯގީގެ ގާތިލުންނަށް އޭނާގެ ފިރިހެން ދަރިން މައާފު ދީފައިވާކަމަށާ، މިކަން ކުރީ މާތް ﷲގެ ހަޟްރަތުން ހެޔޮ ގޮތް ވުން އެދިގެންކަމަށެވެ.

ސައުދީގެ ޝާހީ އާއިލާއާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ލިޔަމުންދިޔަ ޚަޝޯގީ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ އޭނާ އޭރު ތައްޔާރުވަމުންދިޔަ ކައިވެންޏަށް ބޭނުންވާ ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި، ސައުދީ އެމްބަސީއަށް ވަންނަނިކޮށެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

ޚަޝޯގީގެ މަރާ ގުޅިގެން މީޑިއާއަށް އެންމެ ފަހުން ތިލަވި މައުލޫމާތަށް ބަލާއިރު އޭނާ މަރާލާފައިވަނީ އެ ކޮންސިއުލޭޓް ތެރޭގައެވެ. އަދި ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށް، އެ އިމާރާތުގެ ތެރެއިން އެހެން ތަނަކަށް ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ވަނީ ބަދަލުކޮށް، ނައްތާލާފައެވެ. އަދާ ޖެހުނު އިރުވެސް ޚަޝޯގީގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ޚަޝޯގީގެ ސިއްރުން ފުރިގެންވި ގަތުލާއެކު ބައިނަލްއަގުވާމީ ސަމާލުކަން އެ ކަމަށް ހުއްޓުނެވެ. އަދި ޚަޝޯގީގެ މަރުގެ ފަހަތުގައި، ސައުދީގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ އަތެއް ވާނެ ކަމަށް ހުޅަނގުގެ ސަރުކާރުތަކާ، އެމެރިކާގެ ޖާސޫސީ އިދާރާއިންވެސް ދިޔައީ ބުނަމުންނެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ނަމަވެސް ސައުދީގެ ބަސް ތަފާތެވެ. ޚަޝޯގީގެ މަރުގެ ޖަރީމާ ހިނގާދިޔައީ އޭނާގެ ބެލުމުގެ ދަށުގައިކަން ދޭހަވާފަދަ ގޮތަކަށް ޚުދު އެމްބީއެސް އަމިއްލަ ފުޅަށް ވާހަކަ ދެއްކެވި ނަމަވެސް، ސައުދީގެ އޮފިޝަލުން ވަނީ، މިކަމުގައި އެމްބީއެސްގެ ދައުރެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި ސައުދީއިން ވަނީ 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާ، އިތުރު 3 މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މި ތަހުގީގުތަކަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އަދި މިއީ އަދުލު އިންސާފަށް ހަޖޫ ޖެހުން ކަމަށް އދގެ ސްޕެޝަލް ރެޕަޗުއާ އެގްނެސް ކެލަމާޑް ވަނީ ސިފަކުރައްވާފައެވެ. ނަމަވެސް އެފަހަރުވެސް ސޮލާހް ޚަޝޯގީ ވަނީ، އިންސާފު ލިބިއްޖެ ކަމަށް ބުނެ، އެކަން ހާމަކޮށްފައެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

ޚަޝޯގީގެ މަރާ ގުޅިގެން ސައުދީއާއި ދެކޮޅަށް އެންމެ ފާޅުގައި އަދިވެސް ވަކާލާތު ކުރަމުންދަނީ، އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލެވުނުއިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ޚަދީޖާ ޖެންގީޒްއެވެ.